މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މިމަހުގެ 20 ވާ އާދިއްތަ ދުވަހު ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
އިނާމަށް އެދި ފޯމު ހުށަހެޅުއްވުމަށް ހަމަޖެހިފައިވަނީ، އެ ދުވަހުން ފެށިގެން އަންނަ މޭމަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ފޯމު ފޮނުވަންޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އިނާމަށް އެދި ފޯމުހުށަހަޅާއިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއިން ވަނީ އެދިފައެވެ.
ޤައުމީ އިނާމަށް މިއަހަރު ހުޅުއްވައިލެއްވުމަށް ނިންމަވައިފައި ވަނީ، މައިގަނޑު 39 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވައިފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވައިފައެވެ.

