އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން އިންތިޒާމްކޮށްގެން ބާއްވާ 2025 ވަނަ އަހަރުގެ ފެސިލިޓޭޝަން ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓުގައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން ތަޤްރީރު ކުރައްވައިފިއެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ވައިގެ ދަތުރުފަތުރު ކޮންމެހެން ބޭނުންތެރިކަމަށެވެ. އަދި އެއީ ރާއްޖޭގެ އެކި ރަށްތަކާއި އިގްތިސާދު ދުނިޔެއާއި ގުޅުވައިދޭ މައިނާރުކަމަށް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކުދި ގައުމުތަކަށް އައިކާއޯގެ މިންގަނޑުތަކާއި އެއްގޮތަށް ޢަމަލުކުރުމުގައި ގިނަ ދަތިތަކެއް ހުރިކަމަށެވެ. އޭގެ ތެރޭގައި އިންސާނީ ވަސީލަތްތައް މަދުވުމާއި މާލީ ދަތިތަކުގެ އިތުރުން ވަކިވަކިން ރަށްތައް އުފެދިފައިވުން ހިމެނޭކަން ހިއްސާކުރެއްވިއެވެ. އަމީން ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ މި ދާއިރާ ކުރިއަރުވައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ.
މިނިސްޓަރ ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯޑަރ ކޮންޓްރޯލް ޑިޖިޓަލައިޒް ކުރުމާއި، އެޑްވާންސް ޕެސެންޖަރ އިންފޮމޭޝަން އަދި ބަޔޯމެޓްރިކްސް ސިސްޓަމްތައް އިންޓަގްރޭޓް ކުރުމާއި، އޭވިއޭޝަން ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމުގެ މަސައްކަތްތަކަށް ސަރުކާރުން އިސްކަން ދިނުުން ހިމެނެއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ހާއްސަ ތަމްރީނުތައް ދިނުމުގައާއި ޓެކްނޮލޮޖީ ބޭނުން ކުރުން އަދި އިންޓަރއޮޕަރަބަލް ސިސްޓަމްތައް ތަރައްގީކުރުމުގައި އެހީތެރިކަން ބޭނުންވާކަމަށެވެ. އަދި ރާއްޖެ ފަދަ ގައުމުތަކަށް އެކްރެޑިޓް ކުރެވިފައިވާ ތަމްރީނުތަކާއި، ސެޓިފިކޭޝަންތަކާއި، ސަރަޙައްދީ ފެންވަރުގައި މަޢުލޫމާތު ބަދަލުކުރެވޭނެ ޕްލެޓްފޯމްތަކަށް ވާސިލުވުމުގެ މުހިންމުކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ދޯހާގައި ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އެންމެ ރަނގަޅު ފެންވަރެއްގައި އެއްހަމައަކުން ފޯރުކޮށްދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައެޅުމަށް މަގުފަހިކުރާނެ ނިންމުންތަކަކަށް ވާސިލްވުމެވެ.

