ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާ، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި 49 ފަރާތަކަށް ދީފި

ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން
ޝެއާރކޮށްލާ ކަހަލަދޯ؟

133 ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަ، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި 49 ފަރާތަކަށް ދީފިއެވެ.

ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަނީ ސިފައިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މީގެއިތުރުން، ދިފާޢީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވެސް ސިފައިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.

މި ޖަލްސާގައި، ސިފައިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މެޑެލި ހައްގުވާ 49 ފަރާތަކަށް ވަނީ މެޑެލި ހަވާލުކޮށްދެއްވާފައެވެ. އަދި ފާއިތުވި އަހަރު ސިފައިންގެ ތެރެއިން އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން ސިފައިންގެ މީހާއާއި އެންމެ ފިޓް ޔުނިޓް އިޢުލާނުކޮށް އެ ފަރާތްތަކަށް ވަނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. އެގޮތުން އެންމެ ހަށިހެޔޮ އަންހެން ސިފައިންގެ މީހަކަށް ހޮވިފައިވަނީ ކްއާޓަރ މާސްޓަރ ސަރވިސް ގެ ކޯޕްރަލް ޢައިޝަތު ނާޒްނީން އެވެ. އެންމެ ހަށިހެޔޮ ފިރިހެން ސިފައިންގެ މީހަކަށް ހޮވިފައިވަނީ މެރިން ޑިޕްލޯއިމެންޓް ޔުނިޓް 3 ގެ ސްޓާފް ސާޖަންޓް ޙުސެއިން ފަޟީލް ހާރޫން އެވެ. އެންމެ ފިޓެސްޓް ޔުނިޓަކީ ސްޕެޝަލް ފޯސަސް އެވެ. އަދި މީގެއިތުރުން ޕާކިސްތާނުގައި ބޭއްވި ބައިނަލްއަގުވާމީ މުބާރާތެއް ކަމުގައިވާ ޕެޓްސް (ޕާކިސްތާން އާމީ ޓީމް ސްޕްރިޓް) މުބާރާތުގައި، ސްޕެޝަލް ފޯސަސްގެ ޓީމެއް ވާދަކޮށް ރިހި މެޑެލި ހާސިލުކޮށްފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެގޮތުން ވަނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. މިފަރާތްތަކަށް ފިލާ ހަވާލުކޮށްދެއްވީ، ރައީސް މުޢިއްޒުއެވެ.

މި ޖަލްސާގެ ހަވާސާގައި، މި މަހުގެ ތެރޭގައި ދަސްވެނިވުނު ސިފައިންގެ 71 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ސިފައިންގެ ހުވާ ލައިދެއްވުމާއި ބަޑި ހަވާލުކުރުން ވެސް ވަނީ ބާއްވާފައެވެ. ދަރިވަރުންނަށް ހުވާ ލައިދެއްވީ، ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު މުޙައްމަދު ނިޔާޒްއެވެ. ބަޑި ހަވާލުކޮށްދެއްވީ ރައީސް މުޢިއްޒުއެވެ. އަދި ސިފައިންގެ މީހުންނަށް ބަޑިހަވާލުކުރާ އިރު އަންގާ އެންގުން އިއްވައިދެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ. 71 ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވެ، ހުވާކޮށްފައިވަނީ 115 ދަރިވަރުންނެވެ. މީގެ ތެރޭގައި 10 އަންހެން ސިފައިންނާއި 105 ފިރިހެން ސިފައިން ހިމެނެއެވެ.

133 ވަނަ ސިފައިންގެ ދުވަހުގެ މި ޖަލްސާގައި، ”ހަށިހެޔޮކަމުގެ ކުލަ“ މިނަމުގައި އައު ޝަރަފުގެ ނިޝާނެއް ވެސް ވަނީ ތަޢާރަފުކުރައްވާފައެވެ. މި ޝަރަފުގެ ނިޝާނަކީ ހަށިހެޔޮކަމުގެ އަސާސީ މިންގަނޑުގެ އެންމެ މަތީ ފެންވަރުގައި ދަމަހައްޓާ ސިފައިންނަށް ދެވޭ ޝަރަފުގެ ނިޝާނެކެވެ. މިއީ ސިފައިންގެ ތެރޭގައި ހަށިހެޔޮކަމުގެ ފެންވަރު މަތީ ދަރަޖާގައި ހިފެހެއްޓުމަށް ހިތްވަރު ދިނުމަށާއި ހަށިހެޔޮކަމުގެ ފެންވަރު މަތީ ދަރަޖާގައި ހިފަހައްޓާ ސިފައިންގެ ހިތްވަރުގަދަ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ރައީސް މުޢިއްޒު ނިންމެވި ނިންމެވުމެކެވެ. އަަލަށް ތަޢާރަފުކުރެއްވި (ހަށިހެޔޮކަމުގެ ކުލަ) ޝަރަފުގެ ނިޝާން އިފުތިތާހުކޮށްދެއްވީ ރައީސް މުޢިއްޒުއެވެ.

މި ޖަލްސާގައި އާޓްސް އެންޑް ސެރޮމޯނިއަލް ސަރވިސް ގެ ފަރާތުން މުނިފޫހި ފިލުވުމުގެ އައިޓަމެއް ވަނީ ހުށަހަޅާ ދީފައެވެ. 133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ ނިމިގެން ދިޔައީ ކުރެވުުނު ޚާއްޞަ ދުޢާއަށް ފަހު ސިފައިންގެ ލަވަ ކިޔުމަށް ފަހުގައެވެ. އިސްވެ ދުޢާ ދެންނެވީ ވޮރަންޓް އޮފިސަރ 2 މުޙައްމަދު އަސްލަމްއެވެ.

މި ޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި، ޢިއްޒަތްތެރިންގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސާރޖަންޓް މޭޖަރ އޮފް އެމްއެން ޑީއެފް އާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންނާއި އަދި ގިނަ ޢަދަދެއްގެ އެންލިސްޓެޑް ސިފައިން ބައިވެރިވެރިވެލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: