އެހެނިހެން ގައުމުތަކުގެ މުދަލުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމުގެ މަސައްކަތްތައް އެމެރިކާއިން ކުރަމުންދިއުމާއި ގުޅިގެން ރާއްޖެއަށް ގެއްލުމެއް އޮތްކަމަށް އަންދާޒާ ނުކުރެވޭކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު ވިދާޅުވި ގޮތުގައި، އެމެރިކާއިން އެކި ޤައުމުތަކުގެ މުދަލުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، މި ބަދަލުގެ ސަބަބުން ސީދާ ދިވެހިރާއްޖެއަށް ފާހަގަކުރެވޭފަދަ ގެއްލުމެއް ވާނެކަމަކަށް ނުބެލެވެއެވެ. އެގޮތުން، ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ ބޭސްލައިން ޓެރިފްއަކީ 10 އިންސައްތަކަމަށްވުމާއި އެކު، ރާއްޖެއިން އެމެރިކާއަށް އެކްސްޕޯޓު ކުރަމުން ދަނީ މައިގަނޑު ގޮތެއްގައި މަހުގެ ބާވަތްތައްކަމަށް ސައީދު ފާހަގަކުރެއްވި އެވެ. އަދި ވާދަވެރި ގައުމުތަކަށް ލިބިފައިވާ ރޭޓުތައް ރާއްޖެއަށްވުރެ ބޮޑުކަމަށް ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި، ޓެރިފް ބޮޑުކުރުމާ ގުޅިގެން ރާއްޖެއަށް ސީދާ ލަފާކުރެވޭ ނުވަތަ އަންދާޒާކުރެވޭ ގެއްލުމެއް ނެތެވެ. އަދި ވިދާޅުވީ އޭގެ ބަދަލުގައި މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ރާއްޖެއިން މަސް އެކްސްޕޯޓުކުރެވޭ މާކެޓުތަކާއި އެ މާކެޓުތަކަށް އެކްސްޕޯޓުކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް ކަމަށެވެ. އެގޮތުން، އެފްޓީއޭތައް ގާއިމުކުރުމުގެ މަސައްކަތްތަކާއި، ތުރުކީއާއެކު ޕްރިފަރެންޝަލް ޓްރޭޑް އެއްބަސްވުމެއް ޤާއިމުކުރެވިފައިވަނީ ވެސް އެ މަގްސަދުގައިކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.
ދުނިޔޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ގައުމުތަކުން ނިންމާ ނިންމުންތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ސަޕްލައި ޗެއިނަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ކަންބޮޑުވުންތައް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ކަންބޮޑުވުންތައް އޮތްކަމުގެ ވާހަކަތައް ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކުރެވޭ ބޮޑެތި ކުންފުނިތަކުގެ ވެރިންނާއި މާލީ ދާއިރާއާއި އިގްތިސާދީ ދާއިރާގެ މާހިރުން އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ހިއްސާކުރަމުންދާކަމަށް އަލިއެޅުއްވއިެވެ.
މީގެ އިތުރުން، ބައެއް ޙާލަތްތަކުގައި ބައިނަލްއަޤްވާމީ މާކެޓުގައި މުދަލުގެ އަގު އުފުލިގެންދިއުމުގެ ފުރުޞަތު އޮތްކަމަށާއި، މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ އިގްތިސާދަށް މަޑުޖެހުންތައް ކުރިމަތިވެގެންދިއުން އެކަށީގެންވާކަމަށްވެސް މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ.
ނަމަވެސް ރާއްޖޭގެ އިގްތިސާދުގެ މައި އެއް ތަންބަކީ ފަތުރުވެރިކަން ކަމަށްވުމުން ފަތުރުވެރިކަމުގެ ވުޒާރާއިން ހާމަކުރަމުންދާ މައުލޫމާތަށް ބަލާއިރު ފަތުރުވެރިން އަންނަ މިންވަރު ދަށްވަމުންދާކަން ފެނިގެން ނުދާކަމަށެވެ. އަދި އެއީ ބޮޑު ނަސީބެއްކަމަށާއި މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރެއްވިއިރު ރާއްޖޭގެ މިދާއިރާ ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުންވެސް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

