ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންގެ ކިބައިން އެދިފައިނުވާނެ: އޮމްބަޑްސްޕަރސަން އޮފީސް

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ، ނިއުމަތު ޝަފީގު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ފުލުހުންނަށް ފޮނުވި ސިޓީގައި ވަކި ގޮތަކަށް އަމަލު ކުރުމުގެ އެއްވެސް އިރުޝާދެއް އަދި ޖިނާއީ ތަހުގީގެއް ކުރުމަށްވެސް އެދިފައިނުވާނެކަމަށް އެ އޮފީހުން ބުނެފިއެވެ.

އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސާމްޕަލް ނެގުމާ ގުޅޭގޮތުން ދައުރުވަމުންދާ ޗިޓަކީ އެ އޮފީހުން ހުށަހަޅައިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޖިނާއީ ތަހުގީގަށް ބޭނުންވާ ފޮޓޯއާއި އަޑުގެ ސާމްޕަލް ނެގުމަށް ފޮނުވާފައިވާ ޗިޓެއްކަމަށް ފުލުހުން ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް، އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކަތަކާ ގުޅިގެން އެ އިދާރާއިން ފުލުހުންނަށް ފޮނުވި ސިޓީގައި ވަކި ގޮތަކަށް އަމަލު ކުރުމުގެ އެއްވެސް އިރުޝާދެއް އަދި ޖިނާއީ ތަހުގީގެއް ކުރުމަށްވެސް އެދިފައިނުވާނެކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ބަދަލުގައި އެ އޮފީހުން ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާނީ ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ހިންގޭ ޙަރަކާތްތަކުގައި ފުލުހުން އިންތިޒާމުވެގެން ތިބޭއިރު ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށް، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ މައުލޫމާތު ހާމަ ނުކުރެވޭނެކަން އެންގުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އެ ހާދިސާއާ ގުޅިގެން އެއްވެސް ބާވަތެއްގެ ތަހުގީގެއް ކުރުމަށް ފުލުހުންގެ އިދާރާގައި އެ އޮފީހުން އެދިފައިނުވާތީ އާއި، ފުލުހުން އާންމުކުރި ނޫސްބަޔާނުގައި އެ އޮފީހާ ގުޅޭ ގޮތުން ހާމަކޮށްފައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއް ކަމަށް ވާތީ އެކަން އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ،  ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 113 ވަނަ މާއްދާގެ ދަށުން، އުފައްދާފައިވާ މިނިވަން މުސްތަޤިއްލު އިދާރާއެކެވެ.

މި އޮފީސް އުފެދިފައިވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ބަޔާންކޮށްފައިވާ ކަންކަން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ތަންފީޛުކުރާ މިންވަރު މޮނިޓަރ ކުރުމަށެވެ. އެގޮތުން ދަޢުލަތުގެ އިދާރާތަކުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ އެ ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް އެ އޮފީހުން ބާރުއަޅަން ޖެހެއެވެ.

އެ އިދާރާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ އެ ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުން ހިމެނެއެވެ.

މީގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުމަކީވެސް މި އިދާރާގެ ޒިންމާއެކެވެ.

ހަމައެއާއެކު، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙުޤީޤުކޮށް މުޠާލިޢާކުރުމަކީވެސް އެ އިދާރާގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: