ސަރަހައްދީ ގޭމްސް އެއް ދިވެހިރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ވަނީ ސަރުކާރުން ތައްޔާރު ކުރަމުން އަންނަ ކުޅިވަރުގެ ދިގުރާސްތާ ޕްލޭން އާއި މި ޕްލޭންގައި ހިމެނިފައިވާ މުހިންމު ގިނަ ކަންތައްތަކެއް ހިއްސާ ކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ނުވަ ވަރަކަށް އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ގޭމްސްއެއް ދިވެހިރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. މިގޮތުން ސާފް ގޭމްސް، އޭޝިއަން ގޭމްސް ނުވަތަ ކޮމަންވެލްތު ގޭމްސްއެއް ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން މިވަގުތު ކުރަމުން އަންނަ މަސައްކަތަކީ މި ގޭމްސް ބޭއްވުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުންކަމަށެވެ. އެގޮތުން ގޭމްސްގެ އެކި ކުޅިވަރުތައް ކުޅޭނެ ޒަމާނީ ތަންތަން ގާއިމްކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށް ވިދާޅުވިއެވެ.
މި ގޭމްސްތަކުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހި އެތުލީޓުންނަށްކަަމަށާއި، ބައިނަލްއަޤްވާމީ ގޭމްސްގެ މެޑަލްއަކާ ހަމައަށް ދިޔުމަކީވެސް ސަރުކާރުން އިސްނަގައިގެން ތައްޔާރުކުރައްވަމުން އަންނަ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ހިމެނޭކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަން ކާމިޔާބުކުރުމަށް ރާއްޖޭގައި ބާއްވާ އެކި އެކި މުބާރާތްތަކުން ހޮވާލެވޭ ކުދިންނަށް އެކަށީގެންވާ ތަމްރީން ދިނުމާއި، ރަނގަޅު ފެންވަރުގެ ކޯޗުން ދިވެހިރާއްޖެ ގެނެސް އެ ކުޅުންތެރިން ތަމްރީންކުރުމާއި, ކޯޗުން ތަމްރީންކުރުމަކީވެސް މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އޭޝިއަން ގޭމްސް، ކޮމަންވެލްތު ގޭމްސް ނުވަތަ އޮލިމްޕިކް ގޭމްސްގެ ޕޯޑިއަމް ފިނިޝްއާ ހިސާބަށް ދިޔުމަކީ ހާސިލްކުރެވޭނެ ވަރުގެ ކާމިޔާބީއެއްކަމަށެވެ.

