ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްޖިދުއްނަބަވީގެ އިމާމު ރައީސް މުއިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަޢީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ޑރ. ޞަލާޙުލް ބުދައިރު އިއްޔެ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ރަތް ދޫލައިގެ މަރުހަބާއެއް ވަނީ ކިޔާފަ އެވެ. އަދި އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ރައީސް އޮފީހުގައި އޮތް މި ރަސްމިއްޔާތުގައި މިނިސްޓަރ ޝަހީމާއި، އިސްލާމީ މަރުކަޒުގެ އިމާމު ފަޟީލަތުއްޝައިޚް މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަތެވެ.

ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅާއި ގުޅޭ ހާއްސަ މައުލޫމާތު ދިނުމަށް، އިސްލާމިކް މިނިސްޓްރީން މި ހަފްތާގައި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ. އެ ދުވަހުގެ ޕްރެސްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގެންނެވުމުގެ ހުއްދަ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް ހުއްދަ ދެއްވީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ރައީސް މުއިއްޒުގެ އިތުރުން، އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބައްދަލު ކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލު ކުރައްވާނެ އެވެ. އަދި ޒުވާން ހަތީޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވުމަށް ހަމަޖެހިފައި ވަނީ ވެސް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުއެވެ.

އިސްލާމީ މަރުކަޒަށް ޒިޔާރަތް ކުރައްވާ އިސްލާމީ މަރުކަޒު ބައްލަވާލެއްވުމުގެ އިތުރުން މި ޒިޔާރަތުގައި އިސްލާމީ މަރުކަޒުގައި ޕްރީ ސްކޫލްގެ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައިވެއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅަކީ 40 އަހަރުގެ ތެރޭގައި ދެ ޙަރަމްފުޅުގެ އިމާމުންގެ ތެރެއިން އިމާމެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: