އޮފީހަށް އައިސް ދުވަހުގެ ޚަބަރުތައް ބަލާލިއިރު ފެނުނު ސުރުޙީއެކެވެ. ”ރަސްމީ ސިފައެއްގައި ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފެށިތާ 34 އަހަރު“ ފުރުނީޔޯއެވެ. އެ ސުރުޙީ ފެނުމުން އެތަކެއް ޝުއޫރުތަކެއް ހިތަށް ވެރިވީ ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ.
ކޮރަޕްޝަނާއި، ވައްކަމާއި، ފަސާދައާ ދެކޮޅަށް ރަސްމީ ސިފައެއްގައި މަސައްކަތް ފެށިތާ 34 އަހަރު ފުރުނުއިރު، މި މަސައްކަތުގެ ނަތީޖާ ޙާސިލުވެފައިވާ މިންވަރާއި، މި މަސައްކަތުގައި ލިބިފައިވާ ކުރިއެރުންތައް ވަޒަންކޮށްލަން ޖެހެއެވެ.
ކޮރަޕްޝަންގެ ވަބާ ރާއްޖޭގައި ކުޑަކޮށް، ކޮރަޕްޝަން ފަދަ ކުށްތައް ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް ޤާނޫނުން މަތިކޮށްފައިވާ މުއައްސަސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ.
ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް ބަލާއިރު، ނިމުމެއް ނެތް ނޫސްބަޔާންތަކާއި، ބައްދަލުވުންތަކާއި، ކޮންފަރެންސްތަކާއި، އެކިއެކި ދިރާސާތައް ކުރާ މަންޒަރު އަބަދުވެސް ފެނެއެވެ. ނަމަވެސް އެކަންކަމުގެ ނަތީޖާއެއް ފެންނަކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން އާންމުކޮށްފައިވާ ކޮރަޕްޝަން އިންޑެކްސްއަށް ބަލާއިރު، ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް މި ހިނގޭ މަގު އެންމެ ރަނގަޅުތޯ ސުވާލު އުފެދެއެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން އެންމެ ފަހުން އާންމުކުރި ސީޕީއައި ދައްކާގޮތުގައި ދިވެހިރާއްޖެ ވަނީ 39 ޕޮއިންޓުން 38 ޕޮއިންޓަށް ވެއްޓިފައެވެ. އެހެންކަމުން ރާއްޖެ ހިމެނިފައިވަނީ މި އިންޑެކްސްގެ 96 ވަނައިގައެވެ.
މި އިންޑެކްސްއިން ދައްކާ ގޮތުގައި ދިވެހިރާއްޖެ އަދިވެސް ހިމެނެނީ 50 ޕޮއިންޓްއިން ދަށުން ސްކޯ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.
މި ކަންކަމުގެ ފަހަތުގައި ޒިންމާ އުފުލަން ޖެހޭ މުއައްސަސާ ނުވަތަ އިދާރާއަކީ ހަމައެކަނި އޭސީސީއެކޭވެސް ނުދެންނެވޭނެއެވެ. ސަބަބަކީ ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތަކީ ދައުލަތުގެ ހުރިހާ އިދާރާއެއްގެ ޝާމިލުވުމާއި ބައިވެރިވުން އޭގެ އެންމެ މަތީ ދަރަޖައަށް ހިމެނޭ ކަމަކަށްވާތީއެވެ.
އެހެންނަމަވެސް، ކޮރަޕްޝަންގެ ވަބާ ޤައުމުގައި މޫލައިގެން ދިއުމުގައި އޭސީސީފަދަ ތަހުގީގީ އިދާރާތަކުގެ އިހުމާލު ބޮޑު ދައުރެއް އަދާކުރާކަން މިއީވެސް ފެންނަން އޮތް ހަގީގަތެކެވެ. އެގޮތުން ކޮރަޕްޝަންގެ ކުށްތަކުގައި ތަހުގީގުތައް ލަސްވުމާއި، ސާބިތު ކުރެވޭ މިންވަރު ދަށްވުމާއި، މައްސަލަތަކުގެ ވާނުވާ އޮޅުން ނުފިލުމަކީ މިފަދަ ކުށްތަކަށް އަރައިގަތުމަށް މީހުންނަށް އިތުރަށް ލިބިގެންދާ ހިތްވަރެކެވެ.
އޭސީސީން ތަހުޤީޤު ކުރިއަށްދާ މައްސަލަތައް ނުނިމި ދިގުދެމިގެންދާ ވާހަކައަކީ އާއްމު ވާހަކައެކެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ޚިޔާނާތުގެ ގޮތުގައި މީހުން ސިފަކުރާ އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ މައްސަލައިގެ ތަހުޤީޤުވެސް އަދިވެސް އޭސީސީން ކުރިއަށްދާއިރު، އެ މައްސަލައަށްވެސް އެތައް އަހަރެއް މިދަނީ ވަމުންނެވެ.
މިއީ އޭސީސީގެ މަސައްކަތް ލަސް މިންވަރު ހާމަވާ ކުޑަ މިސާލެކެވެ. މިކަންކަމުގެ ސަބަބުން ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ މީހުންނަށްވެސް ނިޒާމާމެދު އޮންނަ ބިރު ކުޑަވެގެންދެއެވެ.
ކަން މިހެން ހުރުމާއެކު، އޭސީސީއަކީ ހަމައެކަނި ކަރުދާސް އިދާރައެއްގެ ގޮތުގައިވެސް ބައެއް މީހުން ސިފަކުރެއެވެ. އެތައް ތަހުގީގުތަކާއި، ދިރާސާތަކާއި، މައްސަލަތަކުގެ ފައިލްތައް އޭސީސީގައި ކިތަންމެހާވެސް ގިނައެވެ. ނަމަވެސް ހަމައެކަނި ކަރުދާހުގެ ދެލިގަނޑުގައި ލިޔެފައި އޮންނަ އިބާރާތަކުން ކޮރަޕްޝަން ނައްތާލެވޭތޯއެވެ؟
މިއަދު ކޮރަޕްޝަންގެ ކުށްތައް ފުޅާވެ، އެފަދަ ކުށްތައް ކުރާ މީހުންގެ ވައްޓަފާޅި ބަދަލުވެއްޖެއެވެ. ނަމަވެސް އޭސީސީގެ ތަހުގީގުތައް އަދިވެސް ކުރިއަށްދަނީ ފިނިހަކައެއްގެ ބާރުމިނުގައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެއެވެ.

