ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން، އުމްރާނީ ތަރައްގީގެ މަަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ހިއްސާކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު ދެމުން ބުނެފައި ވަނީ، ވަޒީރުންގެ މަޖިލީހަށް ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އެމްޑީގެ ބައިވެރިވުމާއި އެކު ކުރިޔަށް ގެންދެވުނު ބައްދަލުކުރެއްވުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުވެސް ހިއްސާކުރައްވައި އެ މަޝްރޫއުތަކުގައި ގުޅޭގޮތުން މަޝްވަރާކުރައްވައިފައިވާކަމަށެވެ.
މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، އުމްރާނީ ތަރައްގީގެ މަޝްރޫޢުތައް ނިންމަވަން ކަނޑައަޅުއްވާފައިވާ ތަރީޚްތަކަށް މަޝްރޫޢުތައް ނިންމެވުމަށް ބާރުއަޅުއްވައި އެކަންކަން ފުރިހަމަކުރެއްވުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އޮޅުންފިލުއްވާދެއްވާފަ އެވެ.
މީގެއިތުރުން، ވަޒީރުންގެ މަޖިލީހަށް ހާޒިރުވެ ތިއްބެވި ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ ފަރާތްޕުޅުން ފާހަގަކޮށްފައިވާ ކަންކަމަށް އެންމެ އެކަށީގެންވާ ފިޔަވަޅެއް އެޅުމަށްޓަކައި ކުރެވޭނެ ކަންކަމާއި މެދު ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
މި ބައްދަލަކުރުމުގައި، އެސްޓީއޯ، ވެމްކޯ، ފެނަކަ ކޯޕަރޭޝަން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީސީސީ އަދި އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
ސަރުކާރުން ހިންގާ ގިނަ ޕްރޮޖެކްޓުތައް ހަވާލުކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެގޮތުން، އެމްޓީސީސީއަަކީ ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކަށް ހަވާލުވުމުގައި އެންމެ ބޮޑު ހިއްސާ އަދާކުރާ އެއް ކުންފުނިކަން ފާހަގަކޮށްލެވެއެވެ.

