މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށް ވުރެ ގިނަ މަޝްރޫއު ހިންގާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިޔާމް މިފަދައިން ވިދާޅުވީ ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރުން ވީ ވައުދުތައް ފޮރުވާފައި ނުބަހައްޓާނެކަމަށެވެ. ކުރީ ސަރުކާރުން 120 ބިލިއަން ރުފިޔާއިން ގައުމު ދަރުވާލާފައިވާކަމަށާއި، އަދި އެ ސަރުކާރުގެ ބޭފުޅުން ނިންމީ ފައިސާ ޗާޕް ނުކޮށް، ވެރިކަން ނުހިންގޭނެކަމަށްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ވަޒީފާގައި ތިބި މީހުންނަށް މުސާރަ ނުދެވޭނެކަމަށް ވެސް އެމްޑީޕީން ނިންމިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މި ސަރުކާރު މިހާ ހިސާބަށް އައީވެސް ފައިސާ ޗާޕުނުކޮށްކަމަށާއި، މުސާރަވެސް ބަރާބަރަށް ދެމުން އަންނަކަމަށް ފާހަގަކޮށް ޝިޔާމް ވިދާޅުވީ ތަރައްގީއަށް ހުރި މަޝްރޫއުތައްވެސް ކުރިއަށްދާކަމަށެވެ.
ރައްޔިތުންނާ ގުޅުން ހުރި މަޝްރޫއުތައް ވީހާވެސް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައިވެސް މަޝްވަރާ ކުރަމުންދާކަމަށާއި، ރައީސް މުއިއްޒު ވެވަޑައިގެން ވައުދުތައް ސާފުކޮށް ރައްޔިތުންނަށް އަރުވާފައިވާކަމަށާއި، އެއީ އެ ވައުދުތައް ފުއްދަވާނެތީކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ކުރެއްވި ކަމަކީ އެމްޑީޕީގެ ސަރުކާރުގައި ކުރިއަށް ނުގެންގޮސް، ގާ ވެފައި ހުރި ޕްރޮޖެކްޓުތައް ފައްޓަވާފައި މިހާރު ހުރި ހިސާބާއި އަލަށް އެމަނިކުފާނު ފެއްޓެވި ޕްރޮޖެކްޓުތަކާއި އަލަށް ފައްޓަވަން ހުރި ޕްރޮޖެކްޓުތަކުގެ އަދާހަމަ މައުލޫމާތާ އެކީގައި އެ ޕްރޮޖެކްޓުތައް މާލީ އުނދަގޫ ހާލަތުން މިވަގުތު އަރައިގަނެވެމުން ދާތީވެ އެ ޕްރޮޖެކްޓުތައް ބާރު ކުރާނެ ގޮތުގެ މަޝްވަރާތައް ކުރެވިގެން ދިޔައީ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ އެންމެ ގިނަ ޕްރޮޖެކްޓް އެއް ފަހަރާ ހިނގާނެ އަހަރަށް މިއަހަރު ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ފިޔަވައި ވެރިކަމުގެ މިހާ ކުރީކޮޅު ރައްޔިތުންނާ ބައްދަލު ކުރެއްވި ވެރިއެއް ނެތްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އެހެން ވެރިންނާއި ހިލާފަށް އިންތިހާބުވުމުން ރައީސް މުއިއްޒު ނުފިއްލަވާކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވައުދުތައްވީ ހެޔޮ ނިޔަތުގައިކަން އަމަލުން އެނގޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

