މާލީ ތަނަވަސްކަން ކުޑަ، ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް މީހުންނަށް އިސްކަންދޭންޖެހޭނެ ކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅަފިއެވެ.
ބޯހިޔާވަހިކަމުގެ ބިލު ހުށައެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަސްމާ ރަޝީދުއެވެ. މިކަމުގެ ސަބަބުން ދެ ފުށް ފެންނަ ބޯހިޔާވަހިކަމުގެ ނިޒާމެއް ރާއްޖޭގައި ގާއިމްކުރެވިގެންދާކަމަށް ބިލުގެ މަގްސަދުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން ބޯހިޔާވަހިކަމާއި ގުޅޭ ދިރާސާތައް ކުރަން ޖެހޭނެކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި ބޯހިޔާވަހިކަމަށް ބޭނުންވާ މީހުންނަށް ދަފްތަރެއް އެކުލަވާލަން ޖެހޭނެކަމަށްވެއެވެ.
ބިލުގައި ބުނެފައި ވަނީ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތެއް ސަރުކާރުން އެކުލަވާލަންޖެހޭނެކަމަށާއި، މި ސިޔާސަތަކީ ދުގެ ޖީލާއި އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ސިޔާސަތަކަށް ވާން ޖެހޭނެކަމަށެވެ.
މިއީ ރައީސުލްޖުމްހުރިއްޔާ ކަނޑައަޅާ ސިޔާސަތެއްކަމަށާއި، ނަމަވެސް ކަމާއި ބެހޭ ފަރާތްތަކުގެ ލަފާ ހޯދަން ޖެހޭނެކަމަށް މި ބިލުގައިވެއެވެ. އަދި މި ސިޔާސަތު ކޮންމެ ފަސް އަހަރަކުން އެއްފަހަރު މުރާޖައާ ކުރަންޖެހޭނެކަމަށްވެސް ވަނީ ބުނެފައެވެ.
ބޯހިޔާވަހިކަމުގެ ގައުމީ ސްޓްރެޓެޖީއެއްވެސް އެކުލަވާލަން ޖެހޭނެކަމަށް މި ބިލުގައި ހިމަނާފައިވާއިރު، މިއީ މިނިސްޓަރު އެކުލަވާލަން ޖެހޭ ސްޓްރެޖީއެއްކަމަށްވެއެވެ. މި ސްޓްރެޖީގެ ސަބަބުން ބިލުގައި ކަނޑައަޅާފައިވާ މަގްސަދު ހާސިލްވޭތޯ ބަލަން ޖެހެއެވެ.
އެގޮތުން ބިލުގެ މަގްސަދުގެ ގޮތުގައި ހިމަނާފައި ވަނީ ބޯހިޔާވަހިކަން ބޭނުންވާ މީހުންނާއި އެމީހުންގެ ދިރިއުޅުމުގެ ހާލަތު ދިރާސާ ކުރުމާއި، މާލީ ތަނަވަސްކަން ކުޑަ، ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް އާއިލާތަކަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގުމެވެ. އަދި ޝްރޫއުތައް ހިންގާ ފަރާތްތައް ރެގިއުލޭޓް ކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ތަރައްގީ ކުރާ ތަންތަނުގައި ހުންނަންޖެހޭ އަސާސީ ވަސީލަތްތަކާއި މިންގަނޑުތައް ބަޔާން ކުރުން ހިމެނެއެވެ. މި މަސައްކަތް ކުރުމަށްއިހުމާލުވެއްޖެނަމަ ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރަންވެސް ޖެހެއެވެ.
މި ބިލަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި، ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހަދަންޖެހެއެވެ. މި ސާވޭ އާންމުކޮށް އިއުލާން ކުރަންވެސް ޖެހެއެވެ. މިއީ ކޮންމެ 10 އަހަރަކުން އެއް ފަހަރު ހަދަން ޖެހޭ ސާވޭއެކެވެ. ސާވޭ އާންމުކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި، ސާވޭގައި ބަޔާން ކުރާ ކަންކަމަށް އަޅާނެ ފިޔަވަަޅުތައް ކަނޑައަޅަން ޖެހެއެވެ. ޕްލޭނެއް ހަދައި އެއާ އެއްގޮތަށް ފިޔަވަޅުތައް ތަންފީޒު ކުރަން ބިލުން މަޖުބޫރު ކުރެއެވެ.

