މަގާމުގެ ނާޖާއިޒް ފައިދާ ނެގިކަމުގެ ކުށުގެ ތުހުމަތުކޮށް އިމިގްރޭޝަން ކޮންޓްރޯލަރުގެ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، އޭނާގެ ފަރާތުން ހެކިންނަށް ނުފޫޒުފޯރުވާނެކަމަށް ބެލެވޭ އެއްވެސް ހެއްކެއްވެސް ނެތްކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެއެވެ.
ބަންދުގެ މައްސަލައާއި ގުޅުވައި ޝަމްއާންގެ ފަރާތުން ދެ މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކުރި މައްސަލައެވެ. ދެވަނަ މައްސަލައަކީ ޝަރީއަތް ނިމެންދެން ކުރި އަމުރާގުޅޭ މައްސަލައެވެ.
މި މައްސަލަތަކާ ގުޅޭ 3 ވަނަ އަޑުއެހުން ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، ޝަމްއާންގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައިވަނީ ހަމައެކަނި ހެކިންނަށް ނުފޫޒު ފޯރުވާނެކަމަށް ބަލައިގެން ކަމަށެވެ. އެހެންނަމަވެސް، އޭނާ ބަންދުކުރިއިރު، ހެކިންނަށް ނުފޫޒުފޯރުވާނެކަމަށް ބެލެވޭ އެއްވެސް ހެއްކެއްވެސް ނެތްކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.
އެކަމަށް ހެކި ނެތިއޭ އޭނާ ބަންދުކޮށްފައިވަނީ
ވަކީލު ވިދާޅުވީ، ޝަމްއާންގެ މައްސަލައިގައި ބަންދު ކުރުމުގައި ބަލާފައިވަނީ މަތީ މަރުޙަލާގެ މަސްތުވާތަކެތީގެ ޓްރެފިކިންގ ދައުވާއަކާ ގުޅޭ އުސޫލު ކަމަށެވެ. އެއީ (ޝަހީބު އިބްރާހިމް ވ ޕީޖީ) ގަޒިއްޔާކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، މި މައްސަލައިގައި އެ ގަޒިއްޔާ ތަތުބީޤު ކުރާކަށް ނުޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، މަނީ ލޯންޑަރިންގ ގެ މިފަދަ ތުހުމަތު ކުރެވޭ މައްސަލަ މަތީ މަރުޙަލާއިން ނިންމާފައިވާކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، ޝަމްއާންގެ މައްސަލައިގައި ބަލަންޖެހޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅޭގޮތުން ނިންމާފައިވާ މަތީ މަރުޙަލާގެ ނިންމުމުގެ އުސޫލަށް ކަމަށެވެ. އެގޮތުން އޭނާ ބަންދުކުރިއިރު، ހެކިންނަށް ނުފޫޒުފޯރުވާނެކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނުވަތަ ޙާލަތެއް އޮތްތޯ ބަލަންޖެހޭނެކަމަށް ވަކީލު ވިދާޅުވިއެވެ.
މިހާރު މި މައްސަލައިގެ އަޑުއެހުންތައް މިވަނީ ނިންމާލާފައެވެ. މިއީ 14 ދުވަސް ތެރޭގައި ނިންމަންޖެހޭ ބާވަތުގެ މައްސަލައަކަށްވާތީ ބެލެވޭ ގޮތުގައި ވަރަށް އަވަހަށް މި މައްސަލައިގައި ގޮތެއް ނިންމުމުގެ އަޑުއެހުން ކުރިއަށް ގެންދަވާނެއެވެ.

