އިންސާފުގެ ވާހަކައަކީ ރާއްޖޭގައި ޒަމާނުއްސުރެ ދައްކަމުން އަންނަ ވާހަކައެކެވެ. އިންސާފަކީ ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭ އެއްޗަކަށްވާއިރު އެ އިންސާފު ލިބުމުގައި މިވަނީ ވަރަށް ބޮޑެތި ލަސްތަކެއް ވެފައެވެ. އަދި އަނެއްބައި ފަހަރު ތަކުގައި ބައެއް މީހުންނަށް އިންފާސު ނުވެސް ލިބެއެވެ. ރާއްޖޭގައި ވަރަށް ގިނަ މަރުތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި މީހުން ގެއްލުވާލުމާއި، މީހުންނަށް އެކިވަރުގެ އަނިޔާތައް ދިނުމާއި މިފަދަ އެތައް މައްސަލަތަކެއް ހިނގައިފިއެވެ. އެހެންނަމަވެސް މިއަދު އެމީހުންނަށް ”އިންސާފު“ ލިބިއްޖެ ތޯއެ؟ ރާއްޖޭހައި ގާނޫނުތަކާއި ގަވައިދުތައް ހަދާ، ކޯޓުތައް އަޅާފައި ހުންނަނީ ރައްޔިތުންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ރައްކާތެރި ކޮށްދިނުމަށެވެ.
މީހުންގެ މަރުތަކަށް ބަލާއިރު ބޮޑެތި އަދި މަޝްހޫރު މަރުތަކުގެ ވާހަކަ އަބަދުވެސް ދެކެވެއެވެ. އޭގެތެރޭގައި ނޫސްވެރިޔާ ރިލްވާން ގެއްލުވާލި ހާދިސާއާއި، ބްލޮގަރ ޔާމީން ރަޝީދުގެ މަރާއި، އިލްމުވެރިޔާ އަފްރާޝީމްގެ މަރާއި އަދި ނޭންގިގެން މަރާލެވުނު ކަމަށް ބުނާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރު ފާހަގަކުރެވެއެވެ. މިނޫނަށް މިފަހުން އެތައް މަރުތަކެއް ހިނގައިފިއެވެ. އެހެންނަމަވެސް އިންސާފު ހޯދައިދިނުމުގައި އިދާރާތަކުން ކުރާ މަސައްކަތްތަަކަކީ ކޮބައިތޯއެ؟ ތަހުގީގުކުރުމުގައި ކަންކަން ކުރަނީ އެންމެ ރަނގަޅަށް ތޯއެ؟ ބާރާއި ނުފޫޒުގެ ދަށުގައި ފިތިފައި ވަނީ ކިތައް މުވައްސަސާތޯއެ؟ މިއީ މިއަދު އަލަކަށް ބަޔަކު ނިކުމެ ދައްކާ ވާހަކައެއް ނޫނެވެ.
ރައްޔިތުން ބޭނުންވަނީ ގާނޫނުއަސާސީ ބުނާހެން ވަކި މީހެއް ނުބަލާ ގާނޫނުތަންފީޒު ކުރެވޭށެވެ. ކޮންމެ މީހަކީވެސް ހައްގުތަކެއް ލިބިގެންވާ މީހަކަށް ވުމާއިއެކ އެ ހައްގުތައް އެމީހުންނަށް ރައްކާތެރިކޮށްދޭނެ ބަޔަކު އެމީހުން ބޭނުންވެއެވެ. މއިަދު އެތަނެއް ފުރާނަތަކެއް ގޮސް އެމީހުންގެ އާއިލާތައް އިދާރާ ތަކުގެ ކުރިމަތީގައި އިންސާފަށް އާދޭސް ކުރަން ޖެހޭތޯއެ؟ އެމީހުންގެ ހައްގުތައް އެމީހުންނަށް ކަށަވަރުކޮށްދޭން އެދި ސަލާން ޖަހަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެހާ ގިނަ ހާދިސާތައް ހިނގައިގެން ދިޔައިރު އިންސާފު ހޯދުނު މަރެއް، ނުވަތަ ހާދިސާއެއް ނެތެވެ. މިއަދުވެސް މީގެ އެތައް އަހަރެއް ކުރިން ހިނގައިދިޔަ ހާދިސާތަކުގެ އަޑުއެހުންތައް ކޯޓުގައި ކުރިއަށް އެބަދެއެވެ. އެއްކޯޓުން ތުހުމަތުވާ މީހުން ދޫކޮށްލުމުން އަނެއް ކޯޓުގެ ދޮރުގައި ޓަކިޖެހުން ނޫންގޮތެއް ރައްޔިތުންނަށް ނެތީއެވެ.
އެތައްމަރުތަކެއް ހިނގައިދިޔައިރު ރަނގަޅު ތަހުގީގުތަކެއް ކުރެވުނު ކަމަށް މިއަދު ރައްޔިތުންވެސް ގަބޫލުނުކުރެއެވެ. ރަނގަޅު ތަހުގީގެއް ކުރެވުނު ނަމަ އެކަމުގެ ނަތީޖާ ފެންނާނެއެވެ. މައްސަލަތަކުގައި އެކި މީހުން ސަލާމަތް ކުރަން އުޅުމާއި، ނުފޫޒު މިގައުމުގައި އޮތީ ނުރައްކާތެރި ހިސާބެއްގައެވެ. ތެދު ހޯދަން މަސައްކަތް ކުރާ މީހާއަށް ވެސް ނުވަތަ ހައްގު ބަސް ބުނާމީހާއަށްވެސް މިނިވަންކަމެއް ނެތެއެވެ. ގައުމުގައި ކަން ހިނގަމުންދާ ގޮތާއި މެދު ރައްޔިތުން ސުވާލު ެުފައްދަމުން އައިސް މިހާރު ރައްޔިތުން ސުވާލު އުފައްދަނީ ތަންފީޒީ އިދާރާ ތަކަށެވެ. ކަންކަމުގައި އޮޅުވާލުމާއި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަކީވެސް އާއްމު ކަމަކަށް ވެއްޖެއެވެ. ރައްޔިތުން ބޭނުންވާ އިންސާފުގެ ރައްޔިތުންނަށް ލިބޭނެ ދުވަހެއް އަންނާނެ ކަމާއި މެދުވެސް ސުވާލު އުފެދެއެވެ.
އުފެއްދި މަރު ކޮމިޝަން ތަކާއި، އުފެއްދި ބޮޑެތި ކޮމިޝަންތަކުން ވީފައިދާއެއް ނެތެއެވެ. ދައުލަތުން ކުރި ބޭކާރު ހަރަދު ނޫން މިކަމަަށް އިތުރު އެއްވެސް ކަމެއް ނުދެއެވެ. ގައުމަށް ސަލާމަތާއި ރއްކާތެރިކަން ލިބިގެން ދާނެ ދުވަހެއް ނޭންގެއެވެ. މިއަގައުމަކީ މިއަދު އަމާން ގައުމެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެއެވެ. ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވަނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް ވާއިރު އެކަން މިއަދު ގައުމުގައި އޮތީ ކަށަވަރު ނުވެއެވެ.

