ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ވާގޮތުގެ މަތިން އެ ރައްޔިތަކަށް ލިބިދީފައިވާ ހައްގުތަކާއި މިނިވަންކަން ލިބިދިނުމަށްޓަކައި ގާނޫނުގެ ތެރެއިން އެންމެ މުހިންމު ދައުރެއް އަދާކުރަންޖެހެނީ ފުލުހުންގެ މުއައްސަސާއިންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާއި އެންމެ ގާތުން ހިދުމަތްދޭ އެންމެ ބޮޑު މުއައްސަސާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ރައްޔިތަކަށް ކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އެ މުއައްސަސާގެ ދާއިރާގެ ތެެރެއިން ކޮށްދޭންޖެހޭ ކޮންމެ ކަމެއް ކުރުމަށްޓަކައި އެންމެ ގާތުން މަސައްކަތްކުރަންޖެހޭ މުއައްސަސާއަކީ ފުލުހުންކަމަށެވެ.
ރައީސް ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށްޓަކައި އެކި ކަންކަން ކުރެވިފައިވާކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބައިވެރިވެފައިވާ އެންމެންގެ ދައުރު ފާހަގަކުރައްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތަކީ ރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމުގެ އެންމެ މަތިވެރި ޒިންމާ އަދާކުރަންޖެހޭ މުއައްސަސާކަމަށެވެ.
ރައީސް ވިދާޅުވީ، ކޮންމެ ރައްޔިތަކަށްވެސް ރާއްޖޭގައި ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ވާގޮތުގެ މަތިން އެ ރައްޔިތަކަށް ލިބިދީފައިވާ ހައްގުތަކާއި މިނިވަންކަން ލިބިދިނުމަށްޓަކައި ގާނޫނުގެ ތެރެއިން އެންމެ މުހިންމު ދައުރު އަދާކުރަންޖެހޭ މުއައްސަސާއަކީ ފުލުހުންކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެގޮތުގެ މަތިން މުއައްސަސާ ކުރިއަށް ގެންދިއުމަށާއި ރައްޔިތުންގެ ތެރޭގައި އިތުބާރު ވަރުގަދަކޮށް ދަމަހައްޓައި ކުރިއެރުވުމުގައި ކޮށްދޭންޖެހޭ ކޮންމެ މަސައްކަތަކާއި ގެނެސްދޭންޖެހޭ ކޮންމެ ކުރިއެރުމެއް ގެނެސްދިނުމަކީ ފަހުރުވެރިވެވަޑައިގަންނަވާ ކަމެއްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތަށް މިވީހާ ދުވަހުގެ ތެރޭގައި ނުކޮށްދެވިހުރި ގިނަ ކަންތައްތަކެއް ހުރިކަމަށެވެ. އެގޮތުން ވަސީލަތްތަކުގެ ގޮތުންނާއި އުމްރާނީގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ކޮށްދޭންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ހިއްސާކުރެއްވިއެވެ. އަދި އެކަންކަން ނުކޮށްދެވި އޮތުމަކީ މިހިސާބަށް ކަންކަން އައިއިރު އޮންނަންޖެހޭ ގޮތްކަމަށް ގަބޫލުނުކުރައްވާކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި ކޮންމެ ރައްޔިތަކު ހުރި ކޮންމެ ތަނެއްގައިވެސް އެންމެ ރަނގަޅު ފެންވަރުގައި ދިވެހި ފުލުހުންނަށް ހިދުމަތް ކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ކަނޑައެޅުއްވީ އެ ސަބަބާއި ގުޅިގެންކަމަށެވެ. ރައީސް ވިދާޅުވީ، ސަރުކާރާއި ހަވާލުވިއިރު ވަރަށް ގިނަ ރަށްތަކެއްގައި ފުލުހުންގެ ހިދުމަތެއް ނެތްކަމަށާއި މި އަހަރު ފެށުނުއިރުވެސް 39 ރަށެއްގައި ހިދުމަތް ނުދެވޭކަމަށެވެ.
ރައީސް ވިދާޅުވީ އެ ރަށްތަކުގައި އެއްވެސް ވަރަކަށް ފުލުހުންގެ ޕޯސްޓެއް ނެތްކަމަށާއި އެހެންކަމުން ބަޖެޓުގެ ތެރެއިން ފުލުހުންގެ ޒިންމާ އަދާކުރުމަށްޓަކައި މަގުފަހިކޮށްދިނުމަށާއި ރައްޔިތުންނަށް އެ ހިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ވަރަށް އިސްކަމެއް ދީގެން މަސައްކަތްތައް ފަށާފައިވާކަމަށެވެ.

