ހ. ފެންޓަނޯއީ ގެއިން ޖެހިގެން ހުރި އިމާރާތުގެ ފުރާޅު މައްޗަށް ވެއްޓި، ބޮޑެތި އަނިޔާތައް ލިބިފައިވާ ޒުވާން އަންހެން ކުއްޖާ ޔުމްނު ރަޝީދުގެ މައްސަލައިގައި އިންސާފު ގާއިމުކޮށްދިނުމަށް ގޮވާލައި، މިރޭވެސް މާލޭގެ މަގުމަތީގައި ޒުވާނުން އިހުތިޖާޖީ ހަރަކާތްތައް ކުރިއަށް ގެންދަނީއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ދެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި މިހާރު ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް އަދި ހައްވާ ޔުމްނު ރަޝީދު ފެންޓެނޯއީ ގޭގެ ތެރޭގައި ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހާމަކޮށްފައިވެއެވެ. ނަމަވެސް، އާންމުންގެ ފަރާތުން ގިނަ ސުވާލުތަކަކަށް އެކަށީގެންވާ ޖަވާބު ނުލިބޭކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޅުކުރަމުން ދެއެވެ.
އިއްޔެ ރޭ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް ސަރަހައްދުގައި އެއްވެ އަޑުއުފުލި ޒުވާނުން، މި މައްސަލައަށް ހައްލެއް ލިބެންދެން މަގުމަތީގެ ހަރަކާތްތައް ކުރިއަށް ގެންދާނެކަމުގެ އިންޒާރު ދީފައިވެއެވެ. މިރޭގެ އިހުތިޖާޖީ ހަރަކާތްތަކުގައިވެސް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވަމުންދާއިރު، ފުލުހުން ވަނީ އެ ސަރަހައްދު ބެރިކޭޑް ކޮށްފައެވެ.
މި ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުގެ އިސްތިއުފާއަށްގޮވާލަމުން ދެއެވެ. އަދި މައްސަލައިގައި މައިގަނޑު ތުހުމަތުކުރެވޭ ރައުދު ހައްޔަރުކުރުމުގައި ލަސްވެފައިވާކަމުގެ ފާޑުކިޔުންތައްވެސް އަމާޒުކުރަމުން ދެއެވެ.
މި މައްސަލައިގައި އިތުރު ތަހުގީގުތައް ކުރިއަށްދާއިރު، އިހުތިޖާޖުކުރާ ފަރާތްތަކުން ވަނީ މައްސަލައިގެ ތަހުގީގު އަވަސްކޮށް، ކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް ޝަރުއީ ހަމަތަކުގެ މަތިން އަދަބު ދިނުމަށް ގޮވާލާފައެވެ.

