އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް، މެލޭޝިއާ އަށް ގެންދިޔުމުގެ ހަރަދުތައް އެންސްޕާ މެދުވެރިކޮށް ހަމަޖައްފައިވާކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފިއެވެ.
އާއިލާގެ ފަރާތުން، މުހައްމަދު މުއުމިނު ”ސަންގު“ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، މި މަހުގެ 28 ވަނަ ދުވަހު ސްރީލަންކަން އެއާލައިންސް ފްލައިޓުގައި ޔުމްނު ގެންގިޔުމުގެ އިންތިޒާމުތައް އެންސްޕާއިން ހަމަޖައްސައިދީފައިވާކަމަށެވެ..
”ޓްރީޓްމެންޓުގެ ހުރިހާ ހަރަދެއް އެންސްޕާއިން ހަމަޖައްސާނެކޮށްދޭނަމޭ ވަނީ އަންގާފައި“ މުއުމިން
ޔުމުނު މެލޭޝިއާއަށް ގެންދަން ހަމަޖެހިފައިވާ ދުވަސް ލަސްވުމާއިއެކު، ވީހާވެސް އަވަހަށް ބޭރަށް ގެންދަން ބޭނުންވާތީ، 28 ވަނަ ދުވަހުގެ ކުރިން ޗާޓަރު ފްލައިޓެއް ހަމަޖެހޭޓޯ އެންސްޕާ މެދުވެރިކޮށް މަސައްކަތްކުރަމުންދާކަމަށް މުއުމިން ބުނިއެވެ.
ޔުމުނުގެ ހާލަތާއި ގުޅޭ ގޮތުން ސުވާލުކުރުމުން، މުއުމިން ބުނެފައި ވަނީ، ޔުމުނުއަށް އެންމެންގެ ހެޔޮދުއާ ބޭނުންވާކަމަށެވެ.
މިވަގުތު ޔުމުނުއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.
އޭނާ 9 ވަނަ ފަންގިފިލާއިން ވެއްޓި ލިބުނު ބޮޑެތި އަނިޔާތަކަށް ބޭނުންވާ އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި މައުލޫމާތު ދިން މުއުމިނަކީ، ޔުމުނުގެ އެއްބަނޑުއެއްބަފާ ދައްތަގެ ފިރިމީހާއެވެ.

