ޒުވާނުންގެ ޝުއޫރުތަކާއި ޖަޒުބާތުގެ ނަހަމަ ބޭނުންކުރަން ސިޔާސީ ފަރާތްތަކަށް ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ރައީސް ވިދާުޅުވީ އެމަނިކުފާނު އުފައްދާފައިވާ ކޮމިޝަނަށް މަސައްކަތްތައް ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދެއްވާފައިވާ ކަމަށާއި އަދި މީހަކަށް ސުވާލުކުރުމުގައި ވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ މި މައްސަލަ ވަރަށް ދެފުށްފެންނަ، ޒިންމާދާރުގޮތެއްގައި މައްސަލަބަލައި ނިމެން ކަމަށެވެ. އަދި މި މައްސަލަ ބަލައި ނިމޭއިރު، އެއްވެސް މީހަކާއި މެދު ތަފާތުގޮތަކަށް އަމަލުކުރެވިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އާއްމުންގެ ތެރޭގައި އުފެދިފައިވާ ސުވާލުތަކަކީ ޖަވާބު ލިބެންޖެހޭ ސުވާލުތަކެއް ކަމަށާއި އަދި ހުރިހާ ކަމެއް ސާފުވެގެން ދާން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ގައުމުގެ ހަމަޖެހުން އެމަނިކުފާނަށް ވަރަށް މުހިންމު ކަމަށާއި އަދި އިންސާފާއި އަދާލަތު ގާއިމުވެފައި އޮތުންވެސް ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.
”އަދުލުވެރިކަން ވަރަށް މުހިންމު އަޅުގަނޑަށް. ކޮންމެ ކަމެއްގައިވެސް. އެއީ ކޮންމެހެން ހާދިސާއެއް ހިނގައިގެންނެއް ނޫން. ހުރިހާ އިރެއްގައިވެސް. އެ ޖަސްޓިސްއާއި ރޫލްއޮފްލޯއާއި، ޕީސްއާއި، ހިއުމިލިޓީއާއި، މި ހުރިހާކަމެއް ހުރިހާ ވަގުތެއްގައިވެސް އޮންނަން އެއީ އަޅުގަނޑު ބޭނުންވާ ގޮތް. އަޅުގަނޑަކަށް އެކަން ގާއިމްކުރުމުގައި، މިކަންކަން މިގޮތަށް ގެންދިއުމުގައެއް ހުރަހަކަށް ކުރިމަތިލާނެ އެކަކުވެސް ނުހުންނާނެ. ހަނދުމަފުޅު ހުންނާނެ ރިޔާސީ އިންތިހާބުގައިވެސް އަދި ހޮވިގެންވެސް ފުރަތަމަ ރައްޔިތުންނާއި ބައްދަލުކުރި ދުވަހުވެސް އަޅުގަނޑު އޮންނާނެ އެކަން ދަންނަވާފަ އަޅުގަނޑުގެ މައްޗަށް ބާރު ފޯރުވޭނެ އެކަކުވެސް ނުހުންނާނެޔޭ. އަޅުގަނޑަކަށް ނުފޫޒު ފޯރުވޭނެ އެކަކުވެސް ނުހުންނާނެޔޭ. އަޅުގަނޑު ޖަވާބުދާރީ ވާންޖެހޭނީ ހަމައެކަނި ރައްޔިތުންނަށޭ“
ރައީސް ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންގެ ހާދިމެއް ކަމަށާއި، އެމަނިކުފާނު އިންތިހާބު ކުރެއްވީ ރައްޔިތުން ކަމަށެވެ. އެހެންކަމުން އެއްވެސް މީހެއް ހިމާޔަތް ކުރުމެއް މުހިންމެއް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއަދާއި ހަމައަށް އައި އިރުވެސް ސަރުކާރުގެ ތެރޭގައި ކަންކަން ކުރިއަށް ގެންދިއުމުގައި އަޅަންޖެހޭ ފިޔަވަޅުތައް ވާނީ އަޅާފައި ކަމަށެވެ.
ޒުވާނުންގެ ހުރި ބޮޑެތި ކަންބޮވުން ތަކާއި ޖަޒުބާތުގެ ނަހަމަ ބޭނުން ކުރުމަށް އެއްވެސް މީހަކަށް ނުދިނުމަށް ރައީސް ވަނީ އިލްތިމާޒްކުރައްވާފައެވެ. ޒުވާނުންގެ ޝުއޫރުތަކުގެ ބޭނުން ސިޔާސީ ފަރާތްތަކުން ހިފައިގެން، ނަހަމަ ބޭނުން ކުރުމަށް މަސައްކަތްތަކެއް ކުރަމުން ދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ޒުވާނުން ބޭނުންވަނީ އެގޮތް ނޫންކަން އިނގިވަޑައިގަންނަވާ ކަމަށެވެ.

