ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ފަނޑިޔާރުން ވަކިކުރުމާއި މެދު ޖޭއެސްސީ މިރޭ ގޮތެއް ނިންމަނީ!

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރާއި ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު./ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުލޫކީ މައްސަލައެއް ފެންމަތިކޮށް ސުޕްރީމް ކޯޓު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރި ތަހުގީގު ނިންމައި މަގާމުން ވަކިކުރުމާ މެދު މިރޭ ގޮތެއް ނިންމަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެޖެންޑާކޮށްފި އެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރިތާ ދެ މަސް ފަހުން، މަގާމުން ވަކިކުރުމާއި މެދު ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުން ތާވަލުކޮށްފައި ވަނީ މިރޭގެ ވަގުތަކަށެވެ.

އެނގިފައިވާ ގޮތުން މިރޭ ކޮމިޝަނުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ ހަމައެކަނި މައްސަލައަކީ ވެސް އެއީ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މަހާޒާއި، އަޒްމިރަލްދާ ކުއްލި ގޮތަކަށް ސަސްޕެންޑު ކުރިއިރު އޭރު ކޯޓުގައި ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ މައްސަލަ ބެލޭނެކަމަށް ނިންމައި އަޑުއެހުންތައް ދިޔައީ ކުރިޔަށެވެ. އަދި ހަމަ އެ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު 07 އިން 05 އަށް ދަށްކުރުމަށް ރައްޔިތުންގެ މަޖިލީން ފާސްކުރި އެވެ. އެކަމަކު އެ ބިލު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގު ނުކުރައްވައި އަލުން އަނބުރާ ތަޅުމަށް ފޮނުވާލައްވާފަ އެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ނަމަވެސް އެކަމާއި ބެހޭ އެއްވެސް ތަފްސީލެއް ނުލިބެ އެވެ. އަދި ޖޭއެސްސީން ދަނީ ފަނޑިޔާރުންނާއި ގުޅޭ ދެ މައްސަލައެއް ފައިލްކޮށް ބަލަމުންނެވެ.

އެއީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން މައްސަލައެއްގައި ބަންދު ކުރުމުން، ކޯޓަށް ނުފޫޒު ފޯރުވައި ދަށު ކޯޓުގެ ފަނޑިޔާރުންނަށް ގުޅުއްވިކަމަށް ބުނެއެވެ. އަދި އެކަމުގައި މަހާޒް، އަޒްމިރަލްދާއަށް އެހީތެރިކަން ފޯރުކޮށްދިންކަމަށް ތުހުމަތު ކުރެއެވެ.

ދެވަނަ މައްސަލައަކީ ދެ ފަނޑިޔާރުންނާއި އެކު ސަސްޕެންޑު ކުރި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ގުޅުން ހުރި މައްސަލައެކެވެ. މައްސަލަ ބަލަން ފެށުމުން ނުފޫޒުގެ ތުހުމަތުކޮށް ސުއޫދު އިސްތިއުފާ ދިން ނަމަވެސް ޖޭއެސްސީން ބުނާ ގޮތުގައި، ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރަރ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުއޫދު ވާހަކަ ދެއްކެވިކަމަށް ބުނާ މައްސަލަ ހިނގި މަޖިލީހުގައި އަޒްމިރަލްދާއާއި މަހާޒް ތިއްބެވި އެވެ. އެހެންވެ ކޮމިޝަނުން އެ މައްސަލަ ވަކިވަކީން ދަނީ ބަލަމުންނެވެ.

މީގެއިތުރުން މި މައްސަލައިގައި ދެ ފަނޑިޔާރުންގެ ފަރާތުން ބަޔާން ނެރޭތީ ވެސް ޖޭއެސްސީން ވަނީ ނުރުހުންފާޅުކޮށްފަ އެވެ. އަދި ޖޭއެސްސީގެ ތަހުގީގުތަކާއި ގުޅުވައި އަޒްމިރަލްދާގެ ގާނޫނީ ވަކީލުންގެ ޓީމުން މީޑިއާތަކަށް ބަޔާން ނެރޭކަމަށް ބުނެ އެ މައްސަލަ ވެސް ކޮމިޝަނުން ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލާފައި ވެއެވެ.

މި މައްސަލައިގައި އެކުލަވާލި ތަހުގީގު ކޮމިޓީން ނިންމީ ދެ ފަނޑިޔާރުން ވަކިކުރުމަށެވެ. އަދި ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް ވެސް ނިންމި އެވެ. އެއީ ދޮގު ރިޕޯޓެއްކަމަށް ބުނެ، އަޒްމިރަލްދާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފަ އެވެ.

މި މައްސަލައިގައި ޖޭއެސްސީން ތަހުގީގަށް ހާޒިރު ކުރުމުން ދެ ފަނޑިޔާރުން ވެސް ވަނީ، މައްސަލަ ހުޅުވާލައިގެން މީޑިއާތަކުގެ ހާޒިރުގައި ކުރިޔަށް ގެންދިއުމަށް އެދިފަ އެވެ. އެކަމަކު ކޮމިޝަނުން ބުނީ ނޫސްވެރިންނަށް ވަދެވޭ ގޮތަށް، މީޑިއާތަކުން ލައިވްކޮށްގެން މައްސަލަ ކުރިޔަށް ގެންދެވެން ނެތްކަމަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: