ހެންވޭރު ހ. ހުޅުގަލީގައި ހުންނަ އަމިއްލަ އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ކުރި މި އަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ކުރި ރެއިޑެއްގައި ބަލާފާސްކުރުމުގައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 49،000 ސިނގިރޭޓު ފޮށި އަނބުރާ އެ ކުންފުންޏަށް ދިނުމަށް ކްރިމިނަލް ކޯޓުން ފުލުުހުންގެ މައްޗަށް އަމުރު ނެރެފިއެވެ.
ހ. ހުޅުގަލީގެ އެޕާޓުމެންޓަކީ ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑްގެ ނަމުން ރަޖިސްޓާކޮށްފައިވާ ކުންފުންޏަކުން ކުއްޔަށް ނަގައިފައިވާ ތަނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން، ހ. ހުޅުގަލީގެ އެޕާޓްމެންޓުގައި ސިނގިރޭޓު އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ބަލާފާސްކޮށްފައިވަނީ އެ އެޕާޓްމެންޓުގެ ފުރަތަމަ ފަންގިފިލާގެ ބައެކެވެ. އަދި ފުލުހުން ބުނެފައި ވަނީ، އެ ރެއިޑް ކުރުމަށްފަހު ޖެހިގެން އައި ދުވަހު އެ ގެއިން 103 ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއިކަމަށެވެ. އޭގެތެރޭގައި ދުންފަތް އެކުލެވޭ ފޮށިގަނޑެއްވެސް ހިމެނޭކަމަށް ފުލުހުން ބުނިއެެވެ.
ރެއިޑުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މުދާ އަނބުރާ ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ އެ ކުންފުނިންނެވެ. އޭގެތެރޭގައި ހިމެނެނީ ހުސްފޮއްޓާއި ދެ ބޮސިންގ މެޝިނުގެ އިތުރުން އެތަނުގައި އުފައްދައިފައިވާ ސިނގިރޭޓު އަދި ދުންފަތެވެ.
މި މައްސަލައާއި ގުޅިގެން މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ވަނީ ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވައިފައެވެ.
އެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ރެއިޑިއަސް ލިމިޓޭޑްގެ މުދާތަކުގެ ތެރެއިން ހުސް ފޮށިތަކާއި ބޮކްސިން މެޝިންތައް އެއްވެސް ޝަރުތެއް ނެތި ދޫކުރުމަށް އަމުރު ނެރެފައެވެ.
ނަމަވެސް، ފުލުހުން ހިފެހެއްޓި ސިނގިރޭޓާއި ފުންފަތް ދޫކުރަންވަނީ ކްރިމިނަލް ކޯޓުން ޝަރުތުތަކެއް ކަނޑައަޅައިފައެވެ. އެ ޝަރުތުތަކަކީ،
- ފުލުުހުން ދޫކުރެވޭ ހާލަތުގައި، އެ ހިފަހައްޓައިފައިވާ މުދަލުގެ ފޮރެންސިކް ޓެސްޓެއް ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދިނުން
- މުދާ ދޫކުރާ ހާލަތުގައި ގާނޫނާ ހިލާފުވާ އެއްވެސް އަމަލެއް ނުކުރުން
- މުދާ ދޫކުރެވެންދެން ނުވަތަ މުދަލާ މެދު ވަކި ގޮތަކަށް އަމަލުކުރެވެންދެން މުދަލުގެ އަގު ނުގެއްލޭނެ ގޮތަކަށް ރައްކާތެރިކޮށް ބެހެއްޓުމަށް ފުލުހުންގެ މައްޗަށް އެންގުން
- ހިފެހެއްޓިފައިވާ މުދާ ވިއްކުމަސް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ލައިސެންސް ހޯދުމަށްފަހު ފުލުހުންގެ ހިދުަމތަށް ހުށަހެޅުމުން ދޫކުރުމަށް
އަދި ހުކުމްގައި ވަނީ ދުންފަތާއި ސިނގިރޭޓު ފިޔަވާ އެހެނިހެން ތަކެތި، ހުސް ފޮށިތަކާޢި މެޝިންތައް ތިން ދުވަސް ތެރޭ ހަވާލުކުރަން އަމުރުކޮށްފައެވެ. ސިނގިރޭޓާއި ދުންފަތްތައް ދޫކުރުން ވަނީ، އެ ކުންފުނިން ލައިސެންސް ނެގުމަށްފަހު ފަސް ދުވަސްތެރޭގައި ފުލުުހުންނަށް އަނގައިފައެވެ.

