ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހިފެހެއްޓުމަށް އިމިގްރޭޝަނުން ރ. ދުވާފަރުގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި 51 ބިދޭސީއަކު އަތުލައިގެންފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އިމިގްރޭޝަނުން ބުނީ، މި އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައި ވަނީ، މި މަހުގެ 23 ވަނަ ދުވަހުގެ ހެންދުނު 8:00 އިން ހަވީރު 5:45 އަށް ކަމަށެވެ.
މި އޮޕަރޭޝަނުގައި ދުވާފަރުގެ 30 ތަނެއް ބަލާފާސްކޮށް، 148 ބިދޭސީއަކާއި ސުވާލުކޮށްފައިވާނެކަމަށް، އިމިގްރޭޝަނުން ބުނިއެވެ.
މީގެއިތުރުން، މި އޮޕަރޭޝަނުގައި ބަލައި ފާސްކުރުމުގެ ތެރެއިން، ވަޒީފާ ދިން 6 ދިވެހިންނަށް ވަނީ ލިއުމުން ނަސޭހަތް ދީފައެވެ. އަދި ގަވާއިދާއި ހިލާފަށް ވިޔަފާރިއެއްގައި މަސައްކަތް ކުރަމުންދިޔަ 51 ބިދޭސީއެއް ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނައި ބިދޭސީންގެ ތެރޭގައި، އިންޑިއާ، ބަނގްލަދޭޝް އަދި ނޭޕާލްއަށް ނިސްބަތްވާ މީހުން ހިމެނެ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މި އޮޕަރޭޝަނުގައި 21 އިމިގްރޭޝަނުން އޮފިސަރުންނާއި، 16 ފުލުހުންގެ އިތުރުން ދުވާފަރު ކައުންސިލުގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ.
އިމިގްރޭޝަނުން އިތުރަށް ބުނެފައި ވަނީ، ދުވާފަރުގައި މިފަދަ ހާއްސަ އޮޕަރޭޝަނެއް ހިންގައިފައި ވަނީ، ކައުންސިލުގެ ރައީސްއާއި އެ ރަށުގެ ވަރަށް ގިނަ ފަރާތްތަކުން، ރަށުގައި ގަވާއިދާއި ހިލާފަށް ހިންގާ ވިޔަފާރިތައް ގިނަވުމުގެ ސަބަބުން، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވަމުންދާތީ، އެ ކަމަށް ހައްލެއް ބޭނުންވެފައިވާތީ ކަމަށެވެ.

