އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި (އައިސީއޯ) ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް) ގުޅިގެން ދިވެހިރާއްޖޭގައި މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤު (އާރްޓީއައި) ތަންފީޒުކުރެވެމުންދާ ގޮތުގެ ފުރިހަމަ ދިރާސާއެއް އާންމުކޮށްފިއެވެ.
މި ދިރާސާއަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޖަމްޢިއްޔާއާއި، ސެންޓަރ ފޯ ލޯ އެންޑް ޑިމޮކްރަސީ (ސީއެލްޑީ) އާ ގުޅިގެން، އެ ފަރާތްތަކުގެ މެތޮޑޮލޮޖީ ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. މި ދިރާސާގައި އާރްޓީއައި ތަންފީޒުކުރުމުގެ މައިގަނޑު ހަތަރު ދާއިރާއަކަށް އަލިއަޅުވާލާފައިވެއެވެ. އެއީ އައިސީއޯގެ މަރުކަޒީ ނިޒާމުތަކާއި، އާންމު އިދާރާތަކާއި މުއައްސަސާތަކުގެ އޮނިގަނޑުތަކާއި، ޕްރޮއެކްޓިވް ޑިސްކްލޯޝަރ އަދި ރިއެކްޓިވް ޑިސްކްލޯޝަރ އެވެ.
ދިރާސާގެ މަޢުލޫމާތު އެއްކުރުމަށް 30 ޕަބްލިކް އޮތޯރިޓީއެއްގެ ތަމްސީލީ ސާމްޕަލެއް ނަގާފައިވެއެވެ. މީގެ ތެރޭގައި މިނިސްޓްރީތަކާއި، ސަރުކާރުގެ ޑިޕާޓްމަންޓުތަކާއި، މިނިވަން މުއައްސަސާތަކާއި، ކޯޓުތަކާއި، ލޯކަލް ކައުންސިލުތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނެއެވެ.
ދިރާސާއިން ފާހަގަކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި، ”މަޢުލޫމާތު ހޯދުމަށް އެންމެ އެދެވޭ ވަގުތު ކަނޑައެޅިފައި ނެތުމާއި، އާރްޓީއައި ތަންފީޒުކުރުމަށް ރޭވުމެއް ނެތުން، އަދި އޮންލައިން އިންފްރާސްޓްރަކްޗަރ އިތުރުކުރަން ޖެހިފައިވާކަން“ ހިމެނެއެވެ. މީގެއިތުރުން އާރްޓީއައި ޕްރެކްޓިޝަނަރުންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ދިރާސާއިން ދެނެގަނެވިފައިވެއެވެ.
އައިސީއޯއިން ވަނީ މަޢުލޫމާތު ހޯދުމުގެ ޙައްޤަކީ ހަމައެކަނި ޤާނޫނުން ހިމާޔަތްކުރެވޭ ކަމެއްގެ ގޮތުގައި ނުބެލުމަށް ގޮވާލާފައެވެ. އަދި މި ޙައްޤު ޢަމަލީ ގޮތުން ތަންފީޒުކުރުމަށް އާންމު އިދާރާތަކާއި، އޮވަރސައިޓް ބޮޑީތަކާއި، މަދަނީ ޖަމްޢިއްޔާތަކުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

