ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅޭ ޕްލައިވުޑް ޝިޕްމެންޓެއްގައި ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެއަށް އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ކަސްޓަމްސް އަށް ލިބުމާގުޅިގެން، 2025 އޭޕްރިލް 26 ވަނަ ދުވަހުގެރޭ ހިންގުނު ޚާއްސަ އޮޕަރޭޝަނެއްގައި، ހުޅުމާލެ ސީކާގޯ ޓަރމިނަލުންނެވެ.
މިގޮތުން، ބަލައިފާސްކުރުމުގެ ތެރޭގައި މި ޝިޕްމެންޓްގައި ހިމެނޭ 40 ފޫޓުގެ 2 ކޮންޓެއިނަރ ތެރެއިން 1360 ކޭސް ސިނގިރޭޓް (13،600،000 – ތޭރަ މިލިއަން ހަ ލައްކަ ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައެވެ.
މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، މި އަތުލައިގަނެވުނު 13.6 މިލިއަން ސިނގިރޭޓަށް ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ދިވެހި ރުފިޔާ އަރާނެކަމަށް ލަފާކުރެވެއެވެ.
މި ތަކެއްޗަކީ، ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު)ގެ 3 ވަނަ ބާބު (ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ބަންދުކުރުމާއި ލޭބަލްޖެހުން)، 8 ވަނަ ބާބު (ހުއްދަ ދޫކުރުން) އާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލެވިފައިވާ ތަކެތިކަމުގައިވާތީ، މި މައްސަލަ އިތުރަށް ތަހުޤީޤް ކުރަމުންދާ ވާހަކަވެސް ދެންނެވީމެވެ.

