މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންތައްތައް ކުރާ ސަރުކާރެއް ކަމަށާއި، އެއްވެސް ރައްޔިތަކަށް ތަފާތު ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ”2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގު ކުރުމަށް، ހާއްސަ ކޮމިޝަން“ އުފައްދަވާފައި ވަނީ ގިނަ ބާރުތަކަކާއެކުގައި ކަމަށެވެ. އެގޮތުން މި ކޮމިޝަނަކީ ހަމަ ވަރަށް ރަނގަޅަށް މަސައްކަތް ކުރާނެ ކޮމިޝަނެއްކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން އެ ކޮމިޝަނުން ހަގީގަތް ހޯދުމުގައި އަދި ބަލަންޖެހޭ ކަމެއް ބެލުމުގައި، އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ ކަމަށާއި އެފަދަ ހުރަހެއް ކުރިމަތި ވެސް ނުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ކޮމިޝަނަށް ސުވާލު ނުކުރެވޭނެ ފަރާތެއް، އަދި ޓަކި ނުޖެހޭނެ ދޮރެއް ނުހުންނާނެ ކަމަށާއި، ބޭރު ގައުމަކުން އެހީ ހޯދަން ޖެހުނަސް އެކަން ކުރުމުގެ ބާރުވެސް ދެއްވާފައިވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ކުށްކުރި ފަރާތަކީ ކޮބައިތޯ ބަލައި އެފަރާތްތަކަށް، އެއީ ކޮންމެ ފަރާތެއްވިޔަސް، އެފަރާތަކަށް ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ތެރެއިން އޮންނަ އުސޫލުގެ ތެރެއިން، އޮންނަ އަދަބެއް ދިނުން، ނޫނިއްޔާ އޮންނަ ގޮތަކަށް އެކަމެއް ކުރުން. އެއްވެސް މީހެއް އަޅުގަނޑަކަށް މުހިންމެއް ނޫން، އެ އިންސާފު ޤާއިމު ކުރުމުގައެއް، ރޫލް އޮފް ލޯ އެސްޓެބްލިޝް ކުރުމުގައެއް
އެމަނިކުފާނުގެ ވާހަކަފުޅުގައި، އެއްވެސް ރައްޔިތަކާއި ދޭތެރޭ ތަފާތުކުރުމަކީ އަދި އަނިޔާވެރިވުމަކީވެސް މިއަދާއި ހަމައަށް އައިއިރުގައިވެސް އަދި ކުރިއަށް އޮތްތާނގައިވެސް، އެ މަނިކުފާނުގެ ހަމައެއް ނުވަތަ އުސޫލެއްވެސް ނޫންކަމުގައި ވިދަޅުވި އެވެ. އަދި މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގައި ވެސް އެމަނިކުފާނު އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ގެންގުޅުއްވާ އުސޫލަކީ ކަމުގެ ހޯދައި، އިންސާފު ގާއިމްކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އަދި ކޮމިޝަންގެ މަސައްކަތާއެކު ވަރަށް ދެފުށް ފެންނަ ގޮތެއްގައި، ވަރަށް ޒިންމާދާރު ގޮތެއްގައި މި މައްސަލަ ބަލައި ނިމި، އެއްވެސް މީހަކަށް ތަފާތު ނުކުރެވޭކަން ކަށަވަރު ކުރެވި، ހުރިހާ ސުވާލެއްގެ ޖަވާބު ލިބި، ކަންކަން ސާފުވާން އުންމީދުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ގައުމުގައި ހަމަޖެހުމާއި އިންސާފާއި އަދާލަތު ޤާއިމުވެފައި އޮތުން ވަރަށް މުހިންމު ކަމުގައި ފާހަގަކުރެއްވިއެވެ. އަދި، އެއީ ކޮންމެހެން ހާދިސާއެއް ހިނގައިގެން ދިއުމުން އެކަނި ނޫން ކަމަށާއި، ހުރިހާ ދާއިރާއެއްގައިވެސް އެ އިންސާފާއި ޤާނޫނުގެ ވެރިކަމާއި ސުލްހައާއި ހަމަޖެހުން، ހުރިހާ ވަގުތެއްގައިވެސް އޮތުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމުގައި ވިދާޅުވިއެވެ.

