ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުން، އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހި ވަންތަކަން ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިސްލާމްދީނުގެ އުސޫލުތަކަށް އަމަލުކޮށް، ފަޚުރުވެރި ދިވެހިންގެގޮތުގައި އަދި ދިވެހިވަންތަކަމުގައި ދިވެހި ޒުވާނުން ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ. އެކި ކަންކަމުގައި، އެހެން ޤައުމުތަކުގައި ވަޒަންވެރިވެ ދިރިއުޅޭއިރު، ދީނުގެހަމަތައް ދޫކޮށްލެވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިސްލާމްދީނުގައި އޮންނަ ހުދޫދުތަކުން ބޭރުވާ ނަމަ، ލިބޭނެ އެއްވެސް އުފަލެއް ނެތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެެެވެ.
ރައީސްގެ ވާހަަކަފުޅުގައި ދަރިވަރުންގެ ތަޢުލީމީ ކުރިއެރުމަށް ހިތްވަރު ދެއްވައި، އަމިއްލަ ނަފްސާއި، ޢާއިލާއާއި، ޤައުމަށް ރީތި ނަން ހޯދައިދިނުމަށް ބާރުއެޅުއްވިއެވެ. އަދި، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކުން، ދިވެހިންގެ އެއްބައިވަންތަކަމުގެ އުސޫލުތައް ނަގަހައްޓައި، އެކުވެރިކަން އާލާކުރުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސްގެ ވާހަަކަފުޅުގައި ދަޢުލަތުގެ ޒިންމާއަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ދިވެހީން ދިރިއުޅުނު ނަމަވެސް، ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުންކަމުގައި ވިދާޅުވިއެވެ. މިހަފުލާގައި، ރައީސް ވަނީ ދިވެހި އައި.ޑީ ކާޑުގެ ޚިދުމަތާއި، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި އަދި ”މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން“ އިފްތިތާޙްކޮށްދެއްވާފައެވެ.
ދިވެހި ދަރިވަރުންނަށް ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން މެލޭޝިއާގައި ހުންނަ ’މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން’އަށް ކޮންމެ އަހަރަކުވެސް 3،000 އެމެރިކާ ޑޮލަރަށްވާ މެލޭޝިއާ ރިންގިޓް ޖަމާކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ރައީސް އިޢުލާންކުރެއްވިއެވެ. މީގެއިތުރުން، ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތް އިތުރަށް ފުޅާކޮށް، ފުރިހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކުރީގެ ރައީސް، ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންއާއި އެމަނިކުފާނުގެ އަނބިކަބަލުން އަލްފާޟިލާ އިލްހާމް ޙުސައިންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ދިވެހިރާއްޖޭގެ ވަފުދުގެ ބޭފުޅުންނާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ގިނަ ޢާއިލާތަކާއި ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

