އިދިކޮޅު މެމްބަރުން ގަރާރެއް ނުވަތަ ކުއްލި މައްސަލައެއް މަޖިލީހަށް ހުށައެޅުމުން އެއީ މަޖިލީހުގެ ވަގުތު ނަގާލައި ޖެއްސުން ކުރުންކަމަށް ބުނެ ވާހަކަތައް ދެއްކުމަކީ އެދެވޭކަމެއް ނޫންކަމަށާއި އެއީ ގަވައިދުގައި ތަންދޭ ކަންކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު މައުރޫފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޒިންމާ ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ. އަދި މެމްބަރުންނަކީ އެއިރެއްގައި ހުންނަ ރައީސަކު ބޭނުންވާ ގޮތަކަށް އޮޕަރޭޓްކުރާ ބައެއްގެ ގޮތުގައި ބަޔާންކޮށްފައިނުވާނެކަމަށާއި ގާނޫނުތަކުގައި މެމްބަރުންގެ މަތިކުރެވިފައިވާ ޒިންމާތަކަކާއި ލިބިދީފައިވާ ބާރުތަކަކާއި އިމްތިޔާޒުތަކެއްވެސް ކަނޑައަޅާފައިވާކަމަށް ފާހަގަކުރެއްވިއެވެ.
މައުރޫފް ވިދާޅުވީ، މަޖިލީހުގައި ހިނގަމުންދާ ސިޔާސީ ކަންކަމުގެ ތެރެއިން މަޖިލީހުގެ ރައީސްގެ މަގާމަށް އައުމަށް އެދިވަޑައިގަންނަވާ މީހުންނާއި އެކަން ބޭނުން ނުވާނެ މީހުންވެސް ތިއްބަވާނެކަން ސާފުވެވަޑައިގަންނަވާކަމަށެވެ. އަދި ރައީސްގެ މަގާމަށް ވަޑައިގަތުމުގެ އުންމީދުގައި ތިއްބަވާ ބައެއް ބޭފުޅުން މަޖިލީހުގެ މެމްބަރުންގެ ބާރުތައް ކަނޑުވާލުމަށް ކުރަމުންދާ މަސައްކަތްތަކަކީ ބަލައިގަންނަވާ ކަމެއް ނޫންކަމަށް ހިއްސާކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، މަޖިލީހަށް މެމްބަރަކު އިންތިހާބުކުރުުމުން އޭނާ ތަމްސީލުކުރާ ދާއިރާއާއި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމާއި ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުމަކީ ލާޒިމުކުރެވިފައިވާ ގާނޫނީ ޒިންމާއެއްކަމަށެވެ. ވަކިން ހާއްސަ ގޮތެއްގައި މައިނޯރިޓީގެ ގޮތުގައި ތިއްބަވާ މެމްބަރުންނަށް ސަރުކާރު ޖަވާބުދާރީކުުރުމަށްޓަކައި ދެވޭ ފުރުސަތުތައް އޮންނަނީ ޗެކް އެންޑް ބެލެންސް އުސޫލުގެ ތެެރެއިން ސަރުކާރާއި ދައުލަތުގެ ކަންކަން ހަމަ މަގަކަށް އެޅުވުމގެ މަގުސަދުގައިކަމަށް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ، މެމްބަރުތަކެއް އިންތިހާބުކޮށް މަޖިލީހުގެ އިދާރާއަކަށް ވަކި ހާއްސަ ބަޔަކު ލާފައި ތިބެނީ ހުރިހާ ރައްޔިތުންނަށް އައިސް އެތަނުގައި ގޮތް ނުނިންމޭނެތީކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހަކީ ވަކި ހާއްސަ ބާރުތަކެއް ދެވިފައިވާ ތަނެއްކަމަށާއި އެހެންކަމުން ލިބިދީފައިވާ ބާރުތައް މެމްބަރުންގެ އަތްމަތީގައި ބެހެއްޓުމަކީ ކޮންމެހެންވެސް މުހިންމު ކަމެއްކަމަށެވެ.
މެމްބަރު ވިދާޅުވީ، މިއަދު އެ ރޫހާއި މުޅިން ހިލާފަށް ކަންކަން ހިނގަމުންދާ މަންޒަރު ފެންނަމުންދާކަމަށާއި މިހާތަނަށް ބެލި ބެލުމުގައި ރައްޔިތުންގެ މަޖިލީހަށް ކޮންމެހެން ވަގުތުތައް ނަގާލުމުގެ ގޮތުން މައިނޯރިޓީ ނުވަތަ ސަރުކާރު ޖަވާބުދާރީކުރުމުގެ އެންމެ އިސް ޒިންމާއެއް ހަވާލުވެފައިވާ އިދިކޮޅު ފަރާތްތަކަކުން މަސައްކަތްކުރާކަމަށް ފެނިގެން ނުދާކަމަށެވެ.
އެހެންކަމުން ގާނޫނުއަސާސީ ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ބާރު ކެނޑޭ ގޮތަށް މަޖިލީހުގައި ޕާޓީއަކުން ނިންމާ ނިންމުމާއި ހިލާފަށް ބަހެއް ބުނާ ކޮންމެ މީހަކަށް ފިޔަވަޅު އެޅޭ ގޮތަށް ބަދަލުތަކެއް ގެނައުމަށް ހުށައެޅުމުން އެކަމާއި ދެކޮޅަށް ކަންބޮޑުވުން ފާޅުކުރަންޖެހޭކަމަށެެވެ. މެމްބަރު ވިދާޅުވީ، މަޖިލީހަކީ އިސްލާމީ އަސްލެއް ނުވަތަ އަސާސްއަކާއި ހިލާފުނުވާ ގޮތަކަށް އެ ބަޔަކު ބޭނުންވާ ޝުއޫރެއް ފާޅުކޮށް ވާހަކަ ދެއްކޭނެ ތަނެއްކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުގެ މެމްބަރުން ގަރާރު ހުށައެޅުމާއި ކުއްލި މައްސަލަތައް ހުށައެޅުމަކީ ގަވައިދުގެ ތެރެއިން ތަންދޭ ކަންކަން ކަމަށެވެ. އަދި އެކަން ކުރުމުން އެއީ ރައްޔިތުންނަށް ޖެއްސުންތަކެއް ކޮށް ވަގުތު ނަގާލުންކަމަށް ދޭހަވާގޮތަށް ތަޅުމުގައި ވާހަކަތައް ދެއްކުމަކީ އެދެވޭ ކަމެއް ނޫންކަމަށް ފާހަގަކުރެއްވިއެވެ.
މައުރޫފް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކުގައި މެމްބަރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ގޮތް ނިންމާފަހުން ބާރުގަދަ ވަޒީރަކު ބޭނުންވުމުން ބިލަށް ބަދަލުތައް ގެނެސްގެން އެ މަސައްކަތްތައް އަލުން ކުރަންޖެހޭކަމަަށެވެ. އަދި ސަރުކާރުން ފޮނުވުމުން މަޖިލީހަށް ހުށައަޅާ ބިލު ކޮމިޓީން ފާސްކޮށް ތަޅުމުން ފާސްކުރުމުން ރައީސްގެ ހިޔާލުފުޅު ބަދަލުވުނުން އަލުން ފޮނުއްވާ މަންޒަރުވެސް ފެނިގެންދާކަމަށް އަލިއެޅުއްވިއެވެ. ނަމަވެސް އެކަންކަން ކުރަނީ އެއީ ގާނޫނީ އިމުގެ ތެރެއިން ކުރެވެން އޮތް ކަންކަން ކަމަށްވުމުންކަމަށް މައުލޫމާތު ދެއްވިއެވެ.
މެމްބަރު ވިދާޅުވީ، ރައްޔިތުން ތަމްސީލުކުރުމުގެ ފުރުސަތު ދޭންޖެހޭނެކަމަށާއި ވަޒީރުން ހާޒިރުކޮށްގެން ސުވާލުކުރުމަށްވެސް ފުރުސަތު ދޭންޖެހޭނެކަމަށެވެ. އަދި ސުވާލު ކުރެވޭ ދާއިރާ ހަނިކޮށްގެން ސަލާމަތްވެވޭނެކަމަށް ހީކުރާނަމަ އެއީ ކުށްހީއެއްކަމަށް ވިދާޅުވިއެވެ.

