މުހިންމު ކޮމިޓީތަކުން އެމްޑީޕީގެ އެދުމަށް އިތުރަށްވެސް ޖާގަ ދީފައިވާނެކަމަށާއި އެކަން ކޮށްފައިވަނީ މުހިންމު ކަންކަމުގައި ސަރުކާރު ޖަވާބުދާރީކުރުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ ގޮތަށް ރިޔާސަތުން އަމަލުކުރަމުންދާ ގޮތާއިމެދު މަޖިލީހުގެ މެމްބަރުން ދެކޭ ގޮތެއް ބެލުމަށްޓަކައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ހުށައެޅުއްވި ގަރާރާއިމެދު ވާހަކަދައްކަވަމުން މެމްބަރު ޝުޖާއު ވިދާޅުވީ، އެ ހުށައެޅުމަކީ ތާކުންތާކު ޖެހޭ ގާރާރެއްކަމަށް ގަބޫލުނުކުރައްވާކަމަށާއި ތާއީދުނުކުރައްވާކަމަށެވެ.
ޝުޖާއު ވިދާޅުވީ، ގަރާރު އެންމެ ބޮޑަށް ގުޅެނީ 19 ވަނަ ރައްޔިތުންގެ މަޖިލީހާއި ކަމަށާއި މައިގަނޑުގޮތެއްގައި ހިމަނާފައިވަނީ ވަޒީރުންނާއި ސުވާލުކުރަން އެދޭ ވާހަކައިގެ އިތުރުން އެކަމަށް ފުރުސަތު ނުލިބޭކަމުގެ ކަންބޮޑުވުންކަމަށެވެ. މެމްބަރު ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރުމަށްޓަކައި މަޖިލީހުގެ ގަވައިދުގައި ތަންދޭ އެންމެ ފުރިހަމަ މިންގަނޑަކަށް މައިނޯރިޓީއަށް އެ ފުރުސަތު ލިބިގެންދާ މަންޒަރު ފެނިގެންދާކަަމަށެވެ. އަދި ގަވައިދުގައި ވާގޮތުގެ މަތިން މަޖިލީހަށް ވަޒީރުން ހާޒިރުކުރެވި ސުވާލުކުރުމަށް ފުރުސަތު ދެވިގެންދާކަމަށްވެސް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ވަޒީރުން ހާޒިރުކުރުމުން އެބޭފުޅުންނާއި ކުރާނެ ސުވާލެއް ނެތުމުން އެމްޑީޕީން މަޖިލީސް ހަލަބޮލިކުރަން އުޅޭ މަންޒަރުވެސް ފެނިގެންދާކަމަށާއި ގަރާރު ހުށައެޅުއްވި މެމްބަރު މީކާއިލްއަކީ ބަރާބަރަށް މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށް މައުލޫމާތު ދެއްވިއެވެ.
ޝުޖާއު ވިދާޅުވީ، ތާކުންތާކު ނުޖެހޭ ގަރާރެއް ހުށައެޅުމަށްޓަކައި ނޫނީ މެމްބަރު މީކާއިލް މަޖިލީހަށް ވަޑައިގަންނަވަނީ ވަރަށް މަދުންކަމަށެވެ. އަދި ބައެއް އިދިކޮޅު މެމްބަރުން މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްތަކުގެ ވާހަކަތައްވެސް ދެއްކެވިކަމަށް އިޝާރާތްކުރައްވާ ޝުޖާއު ވިދާޅުވީ، 20 ވަނަ މަޖިލީހުގައި މިހާތަނަށް އެއްވެސް މެމްބަރެއްގެ އިމްތިޔާޒްތަކަށް އަރައިގަނެފައިވާކަން ފާހަގަކުރެވިފައިނުވާކަމަށެވެ.
މެމްބަރު ވިދާޅުވީ، ކޮމިޓީތަކުގައިވެސް އެމްޑީޕީގެ މެމްބަރުންނަށް ބަހުސްކުރުމަށާއި ހިޔާލުތައް ހުށައެޅުމަށް ޖާގަ ލިބިގެންދާކަމަށެވެ. އެހެންކަމުން ކޮމިޓީތަކުގައިވެސް އިދިކޮޅުގެ މެމްބަރުންނަށް ފުރިހަމަ މިނިވަންކަން ލިބިގެންދާ މަންޒަރު ފެނިވަޑައިގަންނަވާކަމަށެވެ.
ޝުޖާއު ވިދާޅުވީ، 20 ވަނަ މަޖިލީހަކީ މައިނޯރިޓީއަށް އިހްތިރާމްދީގެން މަސައްކަތްތައް ކުރިއަށް ގެންދާ ފުރަތަމަ ފުރުސަތުކަމަށެވެ. އެގޮތުން ބައެއް މުހިންމު ކޮމިޓީތަކުގައި ލިބެންވާ މިންވަރަށްވުރެ އިތުރަށްވެސް އެމްޑީޕީގެ މެމްބަރުންނަށް ފުރުސަތާއި ޖާގަ ދީފައިވާނެކަމަށާއި މިސާލެއްގެ ގޮތުގައި މާލިއްޔާތު ކޮމިޓީ ހިމެނޭކަން ހިއްސާކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، އެމްޑީޕީންވަނީ މާލިއްޔާތު ކޮމިޓީން އިތުރު އެއް ޖާގަ ހޯދުމަށް އެދިފައިކަމަށެވެ. އަދި ޕީއެންސީގެ ސުޕާރ މެޖޯރިޓީ އޮތް އިރު އެ ފުރުސަތު ދީފައިވާކަމަށާއި ސަބަބަކީ އެއީ މުހިންމު ކޮމިޓީއަކަށްވުންކަމަށް ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ، އެކަން ކޮށްފައިވަނީ ސަރުކާރު ޖަވާބުދާރީކުރުމުގެ ފުރުސަތު އެމްޑީޕީއަށް ދިނުމަށްޓަކައިކަމަށާއި އެއީ ފެންނަން ހުރި ހަގީގަތެއްކަމަށެވެ. އެހެންކަމުން ހުށައަޅާފައިވަނީ ތާކުންތާކު ނުޖެހޭ ގަރާރެއްކަމަށް ވިދާޅުވަނީ އިސްވެ ދެންނެވި ސަބަބުތަކާއި ގުޅިގެންކަމަށް ވިދާޅުވިއެވެ.

