މި އަހަރުގެ ބަޖެޓުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މަޖިލީހާއި ސަރުކާރުން އެކަށީގެންވާ ގޮތަކަށް މަޖިލީހަށް ދީފައިނުވާއިރު ސަޕްލިމެންޓަރީ ބަޖެޓެއް ހުށައަޅަން އުޅޭކަމުގެ ވާހަކަތައް އިވެމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ޝަމްހީދު ވިދާޅުވީ، 20 ވަނަ މަޖިލީހުގެ ދައުރު ފެށުމާއިއެކު ސަރުކާރުން މަޖިލީހުގެ ބާރު ކަނޑުވާލުމަށްޓަކައި މަސައްކަތްތައް ކުރަމުންދާތަން ފެނިގެންދާކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ފެނިގެންދިޔައީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނެސްގެން މަޖިލީހުގެ މެމްބަރުންގެ ބާރުތައް ޕާޓީތަކުގެ އޮފީހަށް ބަދަލުކުރި މަންޒަރުކަމަށް ފާހަގަކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވީ، އެއަށްފަހު މަޖިލީހުގެ ޖަލްސާތައް އެއްވެސް ސަބަބެއް ނެތި ކެންސަލް ކުރަމުންދިޔަ މަންޒަރު ފެނިގެންދިޔަކަމަށާއި އިދިކޮޅަށް ތިއްބަވާ މެމްބަރުން ވާހަކަތަކެއް ދައްކަން ފެށުމުން އެކަމާއި ސަރުކާރު ނުވަތަ ރައީސް ހިތްހަމަނުޖެހޭކަމަށްވުމުން މައުލޫއާއި ނުގުޅޭކަމަށް ނިންމައި ހުއްޓުވަމުންދިޔަކަމަށެވެ.
މެމްބަރު ވިދާޅުވީ، ރައްޔިތުންނާއި ގުޅުންހުރި އެތައް ކުއްލި މައްސަލައެއް މަޖިލީހަށް ހުށައަޅުއްވާފައިވާނެކަމަށެވެ. ނަމަވެސް އޭގެން އެއްވެސް މައްސަލައެއްގައި ޝަރުތު ހަމަވާ ގޮތެއް ނުވިކަމަށާއި ރައްޔިތުންގެ މަސްލަހަތާއި ގުޅުންހުރި އެތައް ސުވާލެއް ވަޒީރުންނާއި ކުރިމަތިކޮށްފައިވާއިރު މަސް ދެމަސް ހޭދަވެގެންދިޔައިރު އަދި މަޖިލީހަށް ހާޒިރުކުރެވިފައިވަނީ ދެ ވަޒީރަކުކަމަށް މައުލޫމާތު ދެއްވިއެވެ.
ޝަމްހީދު ވިދާޅުވީ، ކޮމިޓީތަކަށް ވަޒީރުން ގެނައުންވެސް އެއްކޮށް ހުއްޓުވާލާފައިވާކަމަށާއި އެއީ މިއަދު މަޖިލީސް އޮތް ހާލަތުކަމަށެވެ. އަދި ޒުވާނަކު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލައިގައި ކުއްލި މައްސަލައެއް ހުށައެޅުމުން ރިޔާސަތުންވަނީ ވަޒީރު އެގޭގައި ނިދިނުކުރައްވާކަމަށް ވިދާޅުވެ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއަދު ވަޒީރުން ނިދިކުރައްވާ ގެއެއްވެސް އެނގިވަޑައިގަންނަވަނީ ރިޔާސަތަށްކަމަށް ފެނިގެންދާކަމަށް ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، އެމްއެމްއޭއިން ފައިސާ ޗާޕުކުރުމާއި ގުޅުންހުރި ކުއްލި މައްސަލައެއް ދެ ފަހަރެއްގެ މަތިން ހުށައެޅުއްވިކަމަށާއި ނަމަވެސް އެއީ ހިނގަމުންދާކަމެއް ކަމަށް ރިޔާސަތަށް ނޭނގޭކަމަށް ބުނެފައިވާކަމަށެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމްވަނީ ޝަމްހީދުގެ މި ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އަދި ހަގީގަތާއި ހިލާފު ވާހަކަތައް ނުދެއްކެވުމަށް އެދިވަޑައިގަތެވެ. ނާޒިމް ވިދާޅުވީ، އެއްގޮތަކަށްވެސް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ނިދިކުރައްވާ ގެއެއްގެ ވާހަކަތައް ނެތްކަމަށާއި ބަޔާންކޮށްފައި އޮތީ ދިރިއުޅުއްވާ ގޭގެ ވާހަކަ ކަމަށެވެ.
ނާޒިމް ވިދާޅުވީ، އެގެއަކީ ކްރައިމް ސީންގެ ގޮތުގައި ބަޔާންކޮށްފައި އޮތުމުން އެއީ މައްސަލަ ހިނގައިގެން އުޅޭ ގެ ނޫންކަމަށް ދެންނެވިކަމަށާއި އެއީ ދިރިއުޅުއްވާ ގެކަމަށް މައުޅޫމާތު ދެއްވިކަމަށެވެ. ޝަމްހީދު ވިދާޅުވީ، ވަޒީރު ދިރިއުޅުއްވާ ގެއަކީ ކޮބައިކަން މަޖިލީހަށް ކަށަވަރުކުރެވުނު އިރު އެމްއެމްއޭގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތު ކަށަވަރުނުކުރެވޭކަމަށާއި އެކަންކަން ހޯދުމުގެ ގޮތުން ސިޓީއެއްވެސް ފޮނުވިފައިނުވާކަމަށެވެ.
މެމްބަރު ވިދާޅުވީ، 2025 ވަނަ އަހަރަށް މަޖިލީހުން ބަޖެޓެއް ފާސްކޮށްފައިވާއިރު އެ ފައިސާއިން ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމައި ތާރީހުވެސް ކަނޑައަޅާފައިވާކަމަށެވެ. އަދި ރައީސް ވަޑައިގެން މަޖިލީހުގައި ބަޔާން ދެއްވިއިރުވެސް އެ ވާހަކަތައް ސާފުކޮށް ވިދާޅުވިއިރު އެކަންކަން ހިނގަމުންދާކަން ނުވަތަ ނުހިނގާކަންވެސް މަޖިލީހަށް ސާފުނުވާކަމަށާއި މާލިއްޔާތު ކޮމީޓީއަށް ވަޒީރު ހާޒިރުކޮށްގެން ކަންކަމުގެ މައުލޫމާތު ދެނެގަނެވިފައިނުވާކަމަށެވެ.
ޝަމްހީދު ވިދާޅުވީ، މަޖިލީހުން ކުރާ އެންމެ ބޮޑު މަސައްކަތަކީ ބަޖެޓު ފާސްކުރުންކަމަށްވާއިރު އެޕްރިލް މަހުގެ 1 ވަނަ ދުވަހު ޑައިރެކްޓް ސަބްސިޑީ ދިނުމަށްވެސް ކަނޑައަޅާފައިވާކަމަށެވެ. ނަމަވެސް މޭ މަސް ފެށުނުއިރުވެސް އެ މަސައްކަތްތައް ކުރެވެމުންދަނީ ކުރިން އޮތް ގޮތަށް ކަމެއް ނޫނީ ފާސްކުރި ބަޖެޓާއި އެއްގޮތަށް ކަމެއް ސާފުނުވާކަމަށެވެ.
މެމްބަރު ވިދާޅުވީ، ސަރުކާރުގެ ފަރާތުން އެ މައުލޫމާތުތައް މަޖިލީހަށް ހާމަކޮށްފައިނުވާކަމަށާއި މިއަދު ސަރުކާރަށް މަޖިލީހުގެ ބޭނުމެއް އޮތްކަމަށް ފެނިގެން ނުދާކަމަށެވެ. ޝަމްހީދު ވިދާޅުވީ، ސަރުކާރުން ބޭނުން ގޮތަކަށް ކަންކަން ކުރަމުންދާ މަންޒަރު ފެނިގެންދާކަމަށެވެ. އަދި އެކަމުގެ އިތުރުން ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށައަޅަން އުޅޭކަމުގެ އަޑުތައްވެސް އިވެމުންދާކަމަށާއި މަޖިލީހަށް ބަޖެޓަށް ވަމުންދާ ގޮތް ނޭނގޭއިރު ފާސްކޮށްފައިވާ ގޮތަށް އެއްވެސް ކަމެއް ކުރިއަށް ނުދާކަމަށް ވިދާޅުވިއެވެ.

