ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ސުވާލުކުރެއްވުމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރުމަށް އެޖެންޑާކޮށްފިއެވެ.
މާދަމާގެ މަޖިލިސް އެޖެންޑާގައ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ވަނީ މިނިސްޓަރ ޑރ. ޢަލީ ޙައިދަރާ ދެ ސުވާލެއް ކުރައްވާފައެވެ. މި ސުވާލުތަކުގައި ހިމެނެނީ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން މެންބަރު އަޒާނާ ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކެވެ.
ފުރަތަމަ ސުވާލުގައި މެންބަރު އަޒާން އަމާޒުކުރައްވާފައިވަނީ މިނިސްޓްރީއަށް ދަރިވަރުން ފޮނުވާފައިވާ އީމެއިލް އަދި ސިޓީތަކަށް ޖަވާބުދިނުން ލަސްވާ މައްސަލައަށެވެ. މި ކަންބޮޑުވުމާ ގުޅިގެން، އެކަން ލަސްވަނީ ކީއްވެކަމާއި، އެކަން ހައްލުކުރުމަށް އަޅުއްވާފައިވާ އަދި އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
ދެވަނަ ސުވާލުގައި މެންބަރު އަޒާން ފާހަގަކުރައްވާފައިވަނީ ސްޓޫޑެންޓް ލޯނު އަދި ސްކޮލަރޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑް ފައިސާ ޖަމާކުރުމާއި ދައްކަންޖެހޭ ޓިއުޝަން ފީތައް ދެއްކުން ލަސްވާ މައްސަލައެވެ. މިކަމާ ގުޅިގެން، މި ފައިސާތައް ދެއްކުން ލަސްވަނީ ކީއްވެކަމާއި، އެގޮތަށް ލަސްވުމަށް މެދުވެރިވާ ސަބަބު ނައްތާލުމަށް ކުރެވިފައިވާ މަސައްކަތަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
މި ދެ ސުވާލަށްފަހު މިކަމާއި ގުޅިގެން މަޖިލީހުގެ އެހެން މެމްބަރުންނަށްވެސް މިނިސްޓަރާއި ސުވާލު ކުރުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށް ބެލެވެއެވެ.

