ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިވަރުންގެ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ ފައިސާ ޖަމާކުރުން ލަސްވޭ: ވަޒީރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ޙާސިލުކުރާ ދަރިވަރުން ހުށަހަޅާ ބޭންކް އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުންވެސް ފައިސާ ޖަމާކުރުން ލަސްވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އެފަދައިން ވިދާޅުވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ލިޔުމުން ޖަވާބު ހޯދުމަށް އެދި ހުށަހަޅުއްވާފައިވާ ސުވާލަށް ދެއްވި ޖަވާބުގައެވެ. އެގޮތުން އަޒާން ހުށަހެޅުއްވި ސުވާލުގައި ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ދަރިވަރުން ފޮނުވާ ސިޓީއާއި އީމެއިލްތަކަށް ޖަވާބުދިނުން ލަސްވާކަމުގެ ކަންބޮޑުވުމާއި ޝަކުވާ ލިބެމުންދާ ކަމަށާއި، އެހެން ދިމާވާ ސަބަބާއި އަދި އެކަންކަން ޙައްލު ކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކަކީ ކޮބައިތޯ އޮޅުން ފިލުވުމަށެވެ.

މީގެ އިތުރުން، ސްޓޫޑެންޓް ލޯނު އަދި ސްކޮލަރޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑް ފައިސާ ޖަމާކުރުމާއި، ދައްކަންޖެހޭ ޓިއުޝަންފީ ދެއްކުން ލަސްވާކަމުގެ ކަންބޮޑުވުންތައް ލިބެމުންދާތީ އެކަމާ ގުޅޭގޮތުންވެސް އަޒާން ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލުތަކުގެ ޖަވާބު މިނިސްޓަރ ވަނީ ލިއުމުން ހިއްސާ ކުރައްވާފައެވެ. އެ ޖަވާބު މަޖިލީހުގެ އަމީންއާންމު ވަނީ އިއްވާދެއްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވަނީ ފައިސާ ޖަމާކުރުމުގެ ކަންކަން ހިނގާ ގޮތް ހިއްސާ ކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، މިނިސްޓްރީން އިއުލާނުކުރާ ސްކޮލަރޝިޕް ފުރުސަތުތަކުގެ ދަށުން ފުރާ ދަރިވަރުން ފުރުމުގެ ކުރިން ފައިސާގެ ކަންކަން ހަމަޖެއްސޭހާ ވަގުތު އޮއްވައި މިނިސްޓްރީއަށް އެންގުމަށްފަހު ފުރާނަމަ، ދެމަސް ދުވަހުގެ ސްޓައިޕެންޑާއި ފައިސާ ޑޮލަރުން ދަރިވަރުންނާ ޙަވާލު ކުރެވޭ ކަމަށެވެ.

އެއަށްފަހު ދެން ދަރިވަރުންނަށް އިރުޝާދު ދެނީ އެ ޤައުމަކަށް ދިއުމަށްފަހު ދަރިވަރުންގެ ބޭންކް އެކައުންޓެއް ހުޅުވައި، އެ އެކައުންޓަށް ފައިސާ ފޮނުވަން ބޭނުންވާކަމަށް ފިނޭންސަށް އަންގާފައިވާ މައުލޫމާތު ލަސްނުކޮށް މިނިސްޓްރީއާ ހިއްސާ ކުރުމަށެވެ. ދަރިވަރުން ފޯރުކޮށްދޭ މައުލޫމާތުގެ އަލީގައި ސްޓައިޕެންޑް ޖަމާކުރެވެނީ އެ ޤައުމެއްގައި ދަރިވަރު ހުޅުވާފައިވާ އެކައުންޓަށެވެ. އެގޮތުން ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ އަހަރަކު ދެފަހަރުއެވެ. އެއީ ދަރިވަރު ކިޔަވަމުންދާކަން އެ މަރުކަޒަކުން މިނިސްޓްރީއަށް އެންގުމުންނެވެ.

އަދި ކޯސްފީ ޖަމާކުރަނީ ދަރިވަރުން ކިޔަވަމުންދާ ޔުނިވަސިޓީއަކުން ކޯސްފީގެ އިންވޮއިސް ލިބުމުން އެ ޔުނިވަރސިޓީއަކަށެވެ.

މިނިސްޓަރ ވިދާޅުވީ، ޓިއުޝަންފީއާއި ސްޓައިޕެންޑް ޖަމާކުރުމުގެ ކަންކަމަށް ބަލާއިރު، މިނިސްޓްރީއާ ދަރިވަރުން ހިއްސާ ކުރާ ބޭންކް އެކައުންޓުތަކުގެ މައުލޫމާތު ބައެއް ޙާލަތްތަކުގައި ފުރިހަމަ ނުވުމުގެ ސަބަބުންވެސް ފައިސާ ޖަމާކުރުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ. އަދި އެ މައުލޫމާތު ފުރިހަމަކޮށް އަލުން ހުށަހެޅުމަށް ދަރިވަރުންނާއި ޔުނިވާސިޓީތަކުން ލަސްތަކެއް އަންނަ ކަމަށާއި، އެކަމަށް ވަގުތުތައް ހޭދަވާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެކައުންޓްތަކުގެ މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން ފައިސާ ޖަމާކުރުމުގައި ދިމާވާ ދަތިތައް ޙައްލު ކުރުމަށްވެސް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަންކަންވެސް މިނިސްޓަރ ވަނީ މަޖިލީހާ ހިއްސާ ކުރައްވާފައެވެ.

މިނިސްޓަރ ވަނީ ދަރިވަރުންނަށް ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ބައެއް ފަހަރު އަމަލު ނުކުރުމުގެ ސަބަބުންވެސް ފައިސާ ޖަމާވުން ލަސްވަމުންދާކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: