ކުޑަކުދިންގެ ޢަދުލުގެ ޤައުމީ ފެންވަރުގެ މަހާސިންތާ ”ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025“ ގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ.
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 10 އިން 12 އަށެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މިއީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކާއި، ގުޅުންހުރި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ ފުރަތަމަ މަހާސިންތާއެވެ.
މިއީ ޔުނިސެފްގެ އެހީތެރިކަމާއެކު މި އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ މަހާސިންތާއެކެވެ.
މި މަހާސިންތާ ބޭއްވުމުގެ މަޤްޞަދުތަކަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކަށް ފަންނީ މަޝްވަރާގެ އަލީގައި ޙައްލު ހޯދުމާއި، ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށްޓަކައި، މިހާރު ޢަމަލުކުރަމުންދާ އުޞޫލުތަކާއި، ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކާއި ޖަމިއްޔާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަކީވެސް މި މަހާސިންތާގެ މަޤްސަދެކެވެ.
މި މަހާސިންތާގައި ކުރެވޭ ފަންނީ މަޝްވަރާތަކާއި، ހުށަހެޅޭ ދިރާސީ ކަރުދާސްތަކުގެ އަލީގައި ޕޮލިސީ ރެކޮމަންޑޭޝަން ކަރުދާހެއް ތައްޔާރުކޮށް، އެކަންކަން ތަންފީޛްކުރުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ.
ކޮންފަރެންސް ކުރިއަށްދާނެ ގޮތާއި، ކޮންފަރެންސާގުޅޭ އިތުރު މަޢުލޫމާތު ކޮންފަރެންސް ވެބްސައިޓުން ފެނިވަޑައިގަންނަވާނެއެވެ.

