މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވާ ފެނުނު، ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާލުމަކީ އަމާޒުކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މުނައްވަރު މިފަދައިން ވިދާޅުވީ މިއަދު އެ ކޮމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިކޮމިޝަނަށް ދާދި ފަހުން ރައީސުލްޖުމްހުރިއްޔާ ވަނީ ބަދަލުތަކެއްވެސް ގެންނަވާފައެވެ.
މި ބަދަލާއެކު މިހާރު މި ކޮމިޝަންގެ މެންބަރުންނަކީ:
- ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
- ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
- ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- އަލްފާޟިލާ ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އަލްފާޟިލާ އާމިނަތު އީނާސް، ހ. ހަބަރުގެ
ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ.
މި ބަދަލު އިޢުލާންކުރައްވައި ނެރުއްވާފައިވާ ޤަރާރު، މިހާރު ވަނީ ގެޒެޓްކުރައްވައި ޢާންމުކުރައްވާފައެވެ.
މި ބަދަލު ރައީސް ގެންނަވާފައިވާއިރު، މި ކޮމިޝަނުގައި ހިމެނިވަޑައިގެން ޑރ. މުހައްމަދު ހަބީބު ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވިކަމުގެ އަޑުތައް ވަނީ އަރާފައެވެ. މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި އޭނާ އިސްތިއުފާ ދީފައިވަނީ މި މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްއާއި އާއިލީ ގުޅުން އޮންނާތީއެވެ.
ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މި ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން ހިމެނެ އެވެ. އަދި ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކަށް އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުން ހިމެނެ އެވެ.
ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ހިމެނެނީ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުމެވެ. މިއާއި އެކު ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާއި ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުމުގެ ބާރު ވަނީ ލިބިދީފަ އެވެ.
މީގެއިތުރުން ހާޒިރުކުރަން ޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާއި ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން ބާރުތަކުގެ ތެރޭގައި ހިމެނެ އެވެ.
އިތުރަށް ހިމެނެނީ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެެއްކޮށްފައި ވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ޤަރީނާތަކާއި އެނޫން ވެސް މަޢުލޫމާތު ހޯދުމެވެ.

