ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ އަހުޒަމް އަބްދުލްޝަކޫރާއި ހަސަން ފަވާޒު އަދި އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ. އެ 3 މީހުންގެ ބައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޙަސަން ފަވާޒުގެ ވަކީލު ވިދާޅުވީ، އޭނާއަކީ ކޮންމެ މަހެއްގައިވެސް ވަކި ދުވަހެއްގައި ލޭ އަޅަންޖެހޭ މީހެއް ކަމަށާއި، ބައެއް ފަހަރު 10 ދުވަހަށްވުރެ ދިގު މުއްދަތެއްވެސް ލޭ ނުއެޅި ދާ ކަމަށެވެ. އަދި ކެއުމާއި، އިތުރު ކަންކަމުގައިވެސް ގޮންޖެހުންތައް ކުރިމަތިވާކަމަށް ވަކީލު ވިދާޅުވިއެވެ.
ވަކީލު ވިދާޅުވީ، އޭނާގެ ފުރާނައަށް ނުރައްކާވުމުގެ ޙާލަތުވެސް ބޮޑު ކަމަށާއި، ކަރެކްޝަންސްއާއި އާއިލާއިންވެސް ލޭ އެޅުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ފަހަރު އަންނަ ކަމަށެވެ.
އޭނާއަކީ މިހާ ޙައްސާސް ޙާލަތެއް ހުރި ފަރާތެއްކަމަށްވާއިރު، އަދި މި ދުވަސްވަރަކީ ތެލަސީމިއާގެ ފަރުވާގެ ގޮންޖެހުންތައް ހުރި ދުވަސްވަރެއްކަން ޚަބަރުތަކުންވެސް އެނގިގެންދާއިރު، ބަންދުގައި ހުރި މީހަކަށް އެ ތަކުލީފުތައް މާ ބޮޑުވާނެކަމަށް ވަކީލު ވިދާޅުވިއެވެ.
ބުދަ ދުވަހުގެ މި އަޑުއެހުމަކީ ޝަރީއަތުން އެކަންކަން ސާފު ކުރުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން މި އަޑުއެހުމުގައި ކަރެކްޝަންސްއާއި މެޑިކަލް އޮފިސަރުން މެދުވެރިކޮށް ޝަރީއަތުން ވަނީ މައުލޫމާތު ސާފުކުރައްވާފައެވެ.
އެކަމާ ގުޅޭގޮތުން ބުދަ ދުވަހުގެ އަޑުއެހުމުގައި މައުލޫމާތު ދެއްވަމުން ހުޅުމާލޭ ޖަލުގެ މެޑިކަލް ކަންކަމާ ޙަވާލުވެ ހުންނެވި އޮފިސަރު ވިދާޅުވީ، ރަމަޟާން މަހުގެ ތެރޭގައި ފަވާޒަށް ލޭ އެޅުމުގައި 7 ދުވަސްވަރު ލަސްވި ކަމަށާއި، ބައެއް މަސްތަކުގައި ހަތަރު ވަރަކަށް ދުވަސް ލަސްވާ ކަމަށެވެ. އަދި ލަސްވެގެން ދިމާވެދާނެ ގެއްލުމެއް ހޯދުމަށް ޑޮކްޓަރެއްގެ ލަފާ އަދި މިހާތަނަށް ހޯދާފައިނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ލޭއެޅުން ލަސްވަނީ ލޭ ލިބުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއީ ކަރެކްޝަންސްއިންވެސް ކަންބޮޑުވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޑޮކްޓަރުން ލިޔުއްވާފައިވާ ސްކޭނެއްވެސް މިހާތަނަށްވެސް ހެދިފައިނުވާކަމަށް އޮފިސަރުން މައުލޫމާތު ދެއްވިއެވެ. އެ ސްކޭން ހެދިފައިނެތީ އެޕޮއިންޓްމަންޓެއް ލިބިފައި ނެތުމުގެ ސަބަބުންނެވެ. އެއީ ހަށިގަނޑުގެ ގުނަވަންތަކަށް ލިބިދާނެ ގެއްލުންތަކެއް ބެލުމަށްޓަކައި ހަދަންޖެހޭ ސްކޭނެއްކަމަށްވެސް އޮފިސަރު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ޙަސަން ފަވާޒުގެ ބަލި ޙާލަތާ ގުޅޭ ކަންކަން ކަރެކްޝަންސްއިން ދައުލަތާ ހިއްސާކުރަމުންދާ ކަމަށެވެ. އަދި އޭނާގެ ސިއްޙީ ފަރުވާއަށް ކަރެކްޝަންސްއިންވެސް ސަމާލުކަން ދިނުމަށް އެދިފައިވާނެކަމަށް ވިދާޅުވިއެވެ.
މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ގާޒީ ވިދާޅުވީ، ތެލަސީމިއާގެ ބަލި ޙާލަތަކީ ޙައްސާސް ޙާލަތެއް ކަމަށާއި، ފަވާޒަކީ ކަރެކްޝަންގެ ދަށުން މިވަގުތު ބަލަހައްޓަމުންދާ ހަމައެކަނި ތެލަސީމިއާ ޕޭޝަންޓުކަމަށް އޮފިސަރުންވެސް ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން މިއީ އާންމު ޙާލަތާ ޚިލާފު، އަދި ސަމާލުކަން ދޭން ޖެހޭ ކަމެއްކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވަނީ އޭނާގެ ފަރުވާއާމެދު މިހާރަށްވުރެ ސަމާލުވުމަށް ދަންނަވާފައެވެ. އަދި އޭނާގެ ބަލި ޙާލަތާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ގާތުން ބެލުމަށް ގާޒީ ވަނީ ޝަރީއަތުން އަންގާ އެންގުމެއްގެ ގޮތުގައި އަންގަވާފައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

