ޒަމާނުއްސުރެ ރާއްޖޭގައި މޫލައިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ. އަދި ހުރިހާ ގޯސް ކަމަކަށް މަގުފަހި ކުރުވާ އެއްކަންތަކަކީވެސް އެއީއެވެ. މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި އެކި މުވައްސަސާތަކާއި އަދި އެކި އިދާރާތަކުން ތަފާތު އެކި މަސައްކަތްތައް ކޮށްފައިވެއެވެ. އޭގެތެރެއިން 1977 ވަނަ އަހަރު މަސްތުވާތަކެއްޗާއި ބެހޭ ގާނޫނެއް ވުޖޫދުވެގެން އައެވެ. އަދި އެ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް ދިވެހިރާއްޖޭގައި ހެއްދުމާއި، އުފެއްދުމާއި، ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި، ދިވެހިރާއްޖެއިން ބޭރުކުރުމާއި، ވިއްކުމާއި، ގަތުމާއި، ދިނުމާއި، ވިޔަފާރީގެ ބޭނުމަށް ގެންގުޅުމާއި، އަތުގައި ބެހެއްޓުމާއި، އަދި މިއިން ކަމެއްކުރަން އުޅުމާއި، މިއިން ކަމެއް ކުރުމުގައި ބައިވެރިވުމަކީ ކުށެއްކަމުގައި ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގައި މަސްތުވާތަކެއްޗާއި ދެކޮޅަށް އެކި ޓާސްކްފޯސްތައް އެކުލަވާލައި، ވަކިން އެކަމަށް ފަރުވާ ދިނުމަށްޓަކައި އެޖެންސީއެއް ހުޅުވާ މިފަދަ އެތައް ކަމެއް ވަނީ ކޮށްފައެވެ. މަސްތުވާތަކެތީގެ މައްސަލައަށް އެހެންނަމަވެސް މާ ބޮޑެތި ހައްލުތަކެއް އައިސްފައެއް ނުވެއެވެ. އޭގެ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގައި ގާނޫނުތަކުން އެ ޖާގަ ނުދެވުމާއި އަދި ތަންފީޒީ އިދާރަކަށް ހުރި ބޮޑެތި ގޮސްޖެހުންތަކެވެ. މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ދާދި ފަހުން މިވަނީ އިންތިހާއަށް ބޮޑު ވެފައެވެ. އެގޮތުން ފުލުހުން ވެސް ވަނީ އެފަދަ ބޮޑެތި ކޭސްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
މީގެ ކުރިން ގާތް ގަނޑަކަށް 50 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ވާހަކަ އަޑު އިވުނު ނަމަވެސް މިހާރު އަޑު އިވެނީ 150 ކިލޯ އަދި އެއަށްވުރެ ވެސް ގިނައިން މަސްތުވާތަކެތި އަތުލައިގަންނަ ވާހަކައެވެ. މިފަދަ ކަންކަން އާއްމު ވެގެން ދާއިރު މުޖުތަމައުގެ ތެރޭގައި މިކަންދަނީ އާއްމު ކަމަކަށްވެސް ހަދަމުންނެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ އެކި ބާވަތްތައް މީހުން ބޭނުންކުރެއެވެ. އަދި މަގުތަކުގައި އެމީހުން އެތަނެތި ބޭނުންކޮށްގެން ހަރަކާތްތެރިވާ މަންޒަރުވެސް އާއްމުންނަށް ފެނެއެވެ. އެހެންނަމަވެސް ބައެއް މީހުންނަށް މިކަމަކީ މާ ”ކޫލް“ ކަމެކެވެ. އެފަދަ އެއްޗެއް ބޭނުން ނުކުރާ މީހާއަކީ ”ކޫލް“ މީހަކަށް މީހާރަކު ނުވެއެވެ.
ރާއްޖެގައި ”ކެނަބިސް“، ”ހެރޮއިން“ މިފަދަ މަސްތުވާތަކެތީގެ ބާވަތްތައް ވަރަށް ބޮޑަށް ވަނީ އާއްމުވެފައެވެ. އަދި އާއްމުންގެ ތެރޭގައިވެސް މިއީ ވަރަށް މަޝްހޫރު ބާވަތްތަކެވެ. އެހެންނަމަވެސް ގައުމުގެ އެންމެ އަގު ބޮޑު ރައުސްމާލު ކަމުގައި ޒުވާނުންގެ މެދުގައި މަޝްހޫރު ”ޕާޓީ ޑްރަގްސް“ އަކީވެސް އެ ކޮމިއުނިޓީއަށް ވަރަށް ފަރިތަ މަސްތުވާތަކެއްޗެއެވެ. މީހާ ކޫލް ވުމަށްޓަކައި ޒަމާނަށް ފެތުމަށްޓަކައި ހޭވައި ނުބައި ވަކިނުވާ ހިސާބަށް އަދުގެ ޖީލު ވަނީ ގޮސްފައެވެ. ބަންދު ކޮޓަރި ތަކުގައި ޕާޓީ ކުރުމާއި، ޕާޓީ ކުރުމަކީ މުޖުތަމައުގައި އާއްމު ކަމަކަށް ހެދުމާއި އަދި މިއުސިކާއި ރަލާއި މަސްތުވާތަކެތި ބޭނުން ކުރުމުމަކީ މިހާރުގެ ”ޓްރެންޑަށް“ ބަޔަކު ހަދައިފިއެވެ.
ޕާޓީ ޑްރަގްސްގެ ތެރޭގައި ހިމެނޭ ބައެއް ބާވަތްތަކާއި އޭގެން ހަށިގަނޑަށް ކުރާ އަސަރު:
އެމްޑީއެމްއޭ: ޑިޕްރެޝަން، ޑީހައިޑްރޭޝަން، އާދަޔާހިލާފަށް ހޫނުވުން، ހަނދާން ނެތުން
ކޮކެއިން: ހިތުގެ ވިންދު އަދި ބީޕީ މަތިވުން، ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހުމަށް މަގުފަހުވުން، އެޑިކްޓުވުން
މެތަމްފެޓަމައިން ނުވަތަ ކްރިސްޓަލް މެތު: އެޑިކްޝަން، ބްރެއިން ޑެމޭޖް، ހަމުގެ ބަލިތައް ސައިކޯސިސް
މިއީ ޕާޓީ ޑްރަގްސްގެ ތެރޭގައި ހިމެނޭ ބައެއް ބާވަތްތައް ކަމަށްވާއިރު މީގެން ކުރާ އަސަރުތައް މިހެން ހިމެނިފައިވީނަމަވެސް މީގެން ކުރާ އަސަރުތައް އެކި މީހުންނަށް ކުރާނީ އެކި ގޮތްގޮތަށެވެ. އަދި މިތަކެތި ބޭނުން ނުކުރުމުން އެމީހެންގެ ހަށިގަނޑަށްވެސް ކުރާނީ އެކި އަސަރުތަކެވެ. އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަެކި ބޭނުން ކުރުމަކީ އާއްމު ކަމަކަށް ހެދުމެވެ. އަދި ތަންފީޒީ އިދާރާތަކަށް މިކަމަށް ހައްލެއް ގެނެވޭނެ މުހިންމު ބާރުގަދަ ގާނޫނުތަކެއް ނެތުމެވެ. މަސްތުވާތަކެ ބޭނުންކުރުން ހުއްޓުވޭނީ މަސްތުވާތެކެވި ވިއްކުންވެސް ހުއްޓިގެންނެވެ.
މިއަދު ލޯ ކުރިމަތީގައި ޖީލެއް ހަލާކުގެ ތެރެއަށް ވެއްޓިގެން ދާއިރު ހަމަ ބަލަން ތިބެންވީތޯއެވެ. މަސްތުވާތަކެތީގެ ނުރައްކަލުން މި ޖީލު ސަލާމަތްކުރުމަކީ މުހިންމު ކަމެކެވެ. އަދި މި ފަދަ ކަންކަން ކުރުމަށް ގާނޫނީ ބާރުވެރިކަން ލިބި ތަންފީޒީ އިދާރާތައް ހަރުދަނާ ވާންޖެހެއެވެ. މި މުޖުތަމައު ވާންޖެހޭނީ މީހުންނަށް އަޅާލައި، އަދި އެފަދަ ކަންކަމުން ފަރުވާ ލިބިފައިވާ މީހުން ބަލައިގަންނަ ބަޔަކަށެވެ. އޭރަށް މި ގައުމުގައިވެސް އަމާން ވެއްޓެއް ގާއިމުކުރެވިދާނެއެވެ.

