ދުންފަތް ކޮންޓްރޯލްކުރުމުގެ އަމަލީ މަސައްކަތްތަކުގައި ދަތިތަކެއް ކުރިމަތިވެގެންދިޔަ ނަމަވެސް އެއީ އިސްލާހުތަކެއް ގެންނަން ނުޖެހޭ ސަބަބެއް ނޫންކަމަށާއި ތަންފީޒީ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ހުސްނީ ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ހުށައެޅިފައިވާ އިސްލާހަށް ތާއީދުކުރައްވާކަމަށާއި އެއީ ރާއްޖޭގެ އަންނަނިވި ޖީލުތައް ދުޅަހެޔޮ ސިއްހަތެއްގެ މަތީގައި ދެމިތިބޭކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި ފެނިގެންދާކަމަށެވެ.
މެމްބަރު ވިދާޅުވީ، މި އިސްލާހަކީ 2007 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށްފަހު އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ކޮށްގެން ނުވާނެކަމަށް ނުވަތަ ޖެނެރޭޝަނަލް ބޭންއެއް ގެނައުމުގެ ގޮތުން ހުށައެޅިގެންދާ އިސްލާހެއްކަމަށެވެ. އަދި މީގެ ކުރިންވެސް މި ގާނޫނަށް މަޖިލީހުން އިސްލާހެއް ގެނެސްފައިވާއިރު ވޭޕު ބޭންކުރުމުގެ އިސްލާހު ގެނައުމުން އެކި ގޮތްގޮތަށް ވާހަކަތައް ފެތުރިގެންދިޔަކަމަށެވެ. ނަމަވެސް އެ އިސްލާހު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ އެ ވަބާގައި ޖެހި ޖީލެއް ހަލާކުވަމުންދިއުންކަމަށާއި އެކަން ކުރީ ގްރޭޑް ފަހެއްގައި އުޅޭ ކުދިން ސުކޫލުތަކުގެ އިމުގެ ތެރޭގައި ވޭޕް ސްޓިކްތައް ހިފައިގެން ގޮސް ބޭނުންކުރަމުންދިއުމުގެ ކަންބޮޑުވުން މައިންބަފައިންގެ ތެރޭގައި އޮތުމުންކަމަށް މައުލޫމާތު ދެއްވިއެވެ.
ހުސްނީ ވިދާޅުވީ، އެ ބަދަލު ގެނައުމާއިއެކު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް އެކަން ބަލައިގަނެފައިވާކަަމަށާއި އެއީ ރާއްޖޭގެ ޒުވާން ޖީލުތައް ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައްޔިތުން ދެކޭކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޒުވާނުން ޖެހިގެންދަނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތެރެއިންކަމަށާއި އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ގެނެވޭ ބަދަލަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ހިއްސާކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ގާނޫނު ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުންނާނެކަން ގަބޫލުކުރައްވާކަމަށެވެ. އެގޮތުން ގާނޫނަށް އަމަލުކުރަން ފެށުމާއިއެކު ވަކިން ސިނގިރޭޓު ވިއްކުން މަނާކުރެވިފައިވާއިރު އެކަން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރެވޭކަމާއިމެދު ސުވާލު އުފެއްދެވިއެވެ. މެމްބަރު ވިދާޅުވީ، ޓޭކް އަވޭ ފަދަ ތަންތަނުން ބިދޭސީންގެ ތެރޭގައި ވަކިން ސިނގިރޭޓު ވިއްކުމަކީ މިހާރުވެސް ކުރަމުންދާ ކަމެއްކަމަށެވެ.
އެހެންކަމުން ގާނޫނުގައި ކަންކަން ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތަންފީޒީ މަސައްކަތްތައް ކަމާއިބެހޭ އިދާރާތަކުން ކުރިއަށް ގެންދަންޖެހޭކަމަށާއި މިހާރު ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ނަމަވެސް ގެނެވެމުންދާ ގާނޫނީ އިސްލާހުތަކުގެ ސަބަބުން ނަތީޖާތަކެއް ނުކުންނަކަން އެނގޭކަމަށާއި ސިނގިރޭޓު އަގުބޮޑުވުމާއިއެކު ހުއްޓާލި މީހުންވެސް ތިބިކަމަށް ހިއްސާކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރުމަކީ ގާނޫނީ އިސްލާހުތައް ގެންނަން ނުޖެހޭ ސަބަބެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށެވެ. އަދި ކުރަންޖެހޭ ކަމަކީ ތަންފީޒީ އިދާރާތަކުން ކުރާ މަސައްކަތްތައް ހަރުދަނާކޮށް ގާނޫނުގައިވާގޮތަށް އަމަލުކުރުމުގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުންކަމަށްވެސް ފާހަގަކުރެއްވިއެވެ.

