ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ފެނުގެ ރައްކައުތެރިކަން ކަށަވަރުކުރެވިފައި ނުވޭ: ޑރ ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ރައްޔިތުން ބުއިމަށް ބޭނުންކުރާ ފެނަކީ އެއްވެސް ވަރަކަށް އޭގެ ރައްކައުތެރިކަން ކަށަވަރުކުރެވިފައިނުވާ އެއްޗެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މެމްބަރު ޝަމްހީދު ވިދާޅުވީ، ދުންފަތުގެ ނުރައްކާތެރިކަން އެއްވެސް ރައްޔިތަކަށް އޮޅިފައި ނުވާކަމަށެވެ. އަދި އެކަން ކޮންޓްރޯލްކުރުމަކީވެސް އެއްވެސް މީހަކަށް އޮޅިފައިވާކަމެއް ނޫންކަމަށާއި ސުވާލުތަކެއްވެސް އެކަމުގައި އުފެދިފައިނުވާކަމަށް ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ، ސުވާލުތަކެއް ކުރަމުންދަނީ ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމާއިމެދުކަމަށެވެ. މެމްބަރު ވިދާޅުވީ، އެކަން ކުރެވޭނީ ޑިއުޓީ ބޮޑުކޮށް ދުންފަތާއި ގުޅުންހުރި ބައެއް ކަންކަން މަނާކޮށްގެންކަމަށް އެއް ބަޔަކު ދެކޭކަމަށެވެ. އަދި އެކަން ހުއްޓުވޭނީ މީހާގެ އިލްމާއި ސިކުނޑިއަށް އަންނަ ކަންތައްތަކެއްގެ ސަބަބުންކަމަށް އަނެއް ބަޔަކު ބުނާކަމަށް ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިކަން ކުރަން ފެންނަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ހެދިފައިވާ ދިރާސާތަކަށް ބަލާލުމަށްފަހު އެންމެ ރަނގަޅު ގޮތެއް ހޯދައިގެންކަމަށްވާއިރު މާބޮޑު މަޝްވަރާތަކެއް ކުރުމެއް ނެތި ކުއްލި ކުއްލިއަށް މަޖިލީހަށް ބިލުތައް ހުށައެޅެމުންދާތަން ފެނިގެންދާކަމަށް ހިއްސާކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތަކާއި ގުޅޭގޮތުން ރާއްޖޭގައި ޑަބްލިއުއެޗްއޯއިން މީގެ އަހަރުތަކެއް ކުރިން ދިރާސާއެއް ހަދާފައިވާކަމަށެވެ. އަދި ތަފްސީލީ ރިޕޯޓެއް އާންމުކޮށްފައިވާއިރު ދިވެހިރާއްޖޭގައި ހިތުގެ ބަލި ފަދަ މައްސަލަތައް ހުރި ވާހަކައިގެ އިތުރުން އެކަންކަން ދިމާވެގެންދާ ސަބަބުތައްވެސް ބަޔާންކޮށްފައިވާކަމަށް އަލިއެޅުއްވިއެވެ.

ޝަމްހީދު ވިދާޅުވީ، ހިމެނިފައިވާ ކަންކަމުގެ ތެރޭގައި ސިނގިރޭޓުގެ އިސްތިއުމާލުކުރާ މިންވަރާއި މަސްތުވާތަކެތީގެ ބޭނުންކުރެވޭ މިންވަރުގެ އިތުރުން ދުވާލެއްގެ މައްޗަށް މީހަކު ލޮނު ބޭނުންކުރާ މިންވަރުވެސް ބަޔާންކޮށްފައިވާކަމަށެވެ. އަދި ލޮނު ބޭނުންކުރާ މިންގަނޑަށް ބަލާއިރު ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ މަތީގައި ހުރިކަން ފެނިގެންދާކަމަށާއި ސިއްހީ މައްސަލަތައް ދިމާވެގެން ޑޮކްޓަރުންނަށް ދެއްކުން ދީފައިވާ ލަފާތަކުގެ ވާހަކަތައްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، 21.3 އިންސައްތަ މީހުންނަށް ސިނގިރޭޓާއި ދުރުވުމަށް ޑޮކްޓަރުން ލަފާ ދީފައިވާއިރު 25.2 އިންސައްތަ މީހުންނަށް ލޮނު ބޭނުންކުރާ މިންވަރު މަދުކުރުމަށް ލަފާދީފައިވާކަން ފެނިގެންދާކަމަށް މައުލޫމާތު ދެއްވިއެވެ. މެމްބަރު ވިދާޅުވީ، މޭވާ އާއި ތަރުކާރީ ބޭނުންކުރާ މިންވަރު އިތުރުކުރަން 31.7 އިންސައްތަ މީހުންނަށް ޑޮކްޓަރުން ލަފާ ދީފައިވާކަމަށާއި 27.9 އިންސައްތަ މީހުންނަށް ބަރުދަން ލުއިކުރުމަށްވެސް އިރުޝާދު ދީފައިވާކަމަށެވެ.

އެހެންކަމުން ޑަބްލިއުއެޗްއޯގެ ރެކޮމެންޑޭޝަނަށް ރިއާޔަތްކުރުމުން މަޖިލީހުގައި ބަހުސްކުރެވެމުންދާ މައްސަލައަކީ ހަމައެކަނި ސިނގިރޭޓާއި ގުޅުންހުރި ކަމެއް ނޫންކަން އެނގިގެންދާކަމަށާއި ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ދިރިހުރުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވަނީ ފެނާއި ވައިކަމަށްވާއިރު ރާއްޖޭގައި ބުއިމަށް ބޭނުންކުރާ ފެނަކީ އޭގެ ރައްކައުތެރިކަން އެއްވެސް ވަރަކަށް ކަށަވަރުކުރެވިފައިވާ އެއްޗެއް ނޫންކަމަށް ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ދަށް ކޮލިޓީގައި އުފައްދާ ފެން އެއްވެސް ރައްކައުތެރިކަމެއް ނެތި އެތަކެތި ސްޓޯރ ކުރާކަމަށާއި އެއަށްފަހު ބޭނުންކުރާކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ލިބިގެންދާ ގެއްލުންތައް މިއަދާއި ހަމައަށްވެސް ބެލިފައިނުވާކަމަށެވެ. އަދި މާލެ ފަދަ ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި ނޭވާލުމަށް ބޭނުންކުރާ ވައި ދުއްވާ އުޅަނދުތަކުގެ ސަބަބުން އުފެދިގެންދާ ދުމުން ތަގައްޔަރުވެގެންދާއިރު ރާއްޖޭގައި އުޅަނދުތަކަށް އެޅުމަށް ބޭނުންކުރާ ޕެޓްރޯލްއަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ދަށް ކޮލިޓީ ޕެޓްރޯލްކަަމަށާއި ނަމަވެސް އޭގެ ސަބަބުން ލިބިގެންދާ ގެއްލުންތަކާއި ބެހޭ ދިރާސާއެއްވެސް މިއަދާއި ހަމައަށް ހެދިފައިނުވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: