ތިމާގެ ހަލާލު މަސައްކަތުން ހަމައިސްކޮޅަށް ތެދުވެފައިވާ ފަހުރުވެރި ރައްޔިތެއް ބިނާކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށް ޑިމޮކްރެޓްސްގެ ރައީސް އިމްތިއާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އިމްތިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަޒީފާދޭ ފަރާތްތަކުން ޤައުމު ބިނާކުރުމަށް މި ވިސްނުމާއި އަމާޒަށް މަސައްކަތްކުރުމަކީ މޭޑޭގައި ވިސްނައިލަން މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. ”އިންޓަނޭޝަނަލް ލޭބަރ ޑޭ“ ނުވަތަ މޭޑޭއަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރަމުންދާ ދުވަހެކެވެ.
މި ދުވަހަކީ މަސައްކަތްތެރިންގެ ޙައްޤުތަކަށް އަޑުއުފުލައި، މަސައްކަތްތެރިން އުފުލާ ބުރައާއި، ޤައުމު ބިނާކުރުމުގައި އަދާކުރާ މުހިންމު ޒިންމާގެ އަގުވަޒަންކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ މުހިންމު ދުވަހެކެވެ. މީގެ ތެރޭގައި ސިނާއީ މަސައްކަތްކުރާ ފަރާތްތަކާއި، އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ދަނޑުވެރިންނާއި، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ހިމެނެއެވެ.
މަސައްކަތްތެރިންގެ ދުވަހުގެ މުހިންމުކަން ފާހަގަކުރައްވަމުން އިމްތިޔާޒް ވިދާޅުވީ، ކިތަންމެ ބޮޑު އަދި ކުޑަ ވަޒީފާއެއް ނަމަވެސް، ކޮންމެ ވަޒީފާއަކީވެސް އިޙްތިރާމް ލިބިގެންވާ އަދި ޤައުމު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ވަޒީފާއެއްކަން ހަނދާންކުރުމަކީ މުހިންމު ކަމެއް ކަމުގައެވެ.
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށްދާއިރު، މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.

