ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް އައިސްފައިނުވަނީ އެކަމަކީ ސަލާން ޖަހައިގެން ހޯދަންޖެހޭ ހައްގެއް ގޮތުގައި ހަދާފައި އޮތުމުގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސަދުﷲ ވިދާޅުވީ، ޒަމާނުއްސުރެ ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަގުސަދުގައި މަޖިލީހަށް ބިލެއް ހުށައެޅުއްވީތީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދަށް ޝުކުރު ދަނަންވާކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގައި އޮތް އިޖްތިމާއީ ބަލިމަޑުކަމުގެ އަސްލަކީ ހައްގުވެގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދެވިފައި ނެތުންކަމަށެވެ.
އަސަދުﷲ ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި އާންމުވެފައިވާ ނުބައި އާދަތައް ފެންނަމުންދަނީ ވެސް ބޯހިޔާވަހިކަން ނެތުމުގެ ސަބަބުންކަމަށެވެ. އަދި ވިދާޅުވީ ގިނަ އަދަދެއްގެ މީހުން އިހުޒަމާނުއްސުރެ މާލެއަށް ހިޖުރަކޮށް ދިރިއުޅެމުން ދަނީ ބޯހިޔާވަހިކަމުގެ އުންމީދުގައިކަމަށާއި އެކަން ކުރަނީ ރަށްތަކުގައި ތިބެގެން އާމްދަނީ ހޯދޭނެ މަގުތައް އެކަށީގެންވާ ގޮތެއްގެ މަތިން ފަހިވެފައި ނެތުމުގެ ސަބަބުންކަމަށެވެ.
ނަމަވެސް އެ އުންމީދުގައި ތިއްބާ ޖީލެއް ނިމިގެންދިއުމާއި ގާތްވެފައިވާކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މަޖިލީހަށް ހުށައަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަކީ އެ އުންމީދުތަކަށް ހައްލުތަކެއް ހޯދައިދޭނެ ބިލެއްގެ ގޮތުގައި ދެކޭ ކަމަށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިހުލާސްތެރި މަސައްކަތްތަކެއްގެ ގޮތުގައި އަސަދުﷲ ވިދާޅުވިއެވެ.
އަސަދުﷲ ވިދާޅުވީ، މި ބިލަކީ ގެމަނަފުށީ ދާއިރާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކޮށް ސަރުކާރުން ފޯރުކޮށްދޭ ސޯޝަލް ހައުސިންގް ބޯހިޔާވަހިކަމުގެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބި ހައްލެއް ގެނެސްދޭނެ ބިލެއްކަމަށެވެ. އަދި މި ބިލަކީ ކަނޑުހުޅުދޫގެ ރައްޔިތުންވެސް އެދިއެދި ތިބި ހައްލުކަމަށްވާ އެއް ކޮޓަރިއެއް ނުވަތަ އެއް ގެއެއްގެ ތެރޭގައި ދިރިއުޅެންޖެހުމުގެ މައްސަލައަށް ހައްލުތަކެއް ގެނެސްދޭނެ ބިލުކަމަށް ވިދާޅުވި އެވެ.
އަސަދުﷲ ވިދާޅުވީ، މިއަދާއި ޖެހުނުއިރު ބޯހިޔާހިކަމުގެ މައްސަލައަށް ހައްލެއް އައިސްފައިނުވަނީ އެކަމަކީ ސަލާންޖަހައިގެން ހޯދަންޖެހޭ ކަމެއްގެ ގޮތުގައި ހަދާފައި އޮތުމުގެ ސަބަބުންކަމަށެވެ. އަދި ސިޔާސީ ވެރިން ރައްޔިތުންނަށް ދައްކާ ދަޅައަކަށް މިކަން ވެފައިވާއިރު މަޖިލީހަށް ހުށައެޅިފައިވާ ބިލު ފާސްވެގެންދިއުމާއިއެކު ކޮންމެ ސަރުކާރެއް އޮތަސް ރައްޔިތުންގެ މި ހައްގު އޮންނާނީ އެގޮތުގެ މަތީގައިކަމަށް ވަނީ ވިދާޅުވެފަ އެވެ.
އަސަދުﷲ ވިދާޅުވީ، މި ބިލު ފާސްވެގެންދިއުމުން ރައްޔިތުންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ބޯހިޔާވަހިކަމުގެ ހައްގު ހޯދުމަށްޓަކައި އިންތިހާބެއް އަންނަން ދެން މަޑުކުރަން ނުޖެހޭނެކަމަށެވެ. އަދި ވިދާޅުވީ، ބިލު ފާސްވެގެންދިއުމުން ގާނޫނީ ގޮތުން ސަރުކާރަށް އެ ހައްގު ލިއްބައިދިނުން މަޖުބޫރުވެގެންދާނެކަމަށާއި ކޮންމެ ޕާޓީއެއްގެ ކޮންމެ ސަރުކާރެއް އޮތްނަމަވެސް ގާނޫނުގައި ވާގޮތަށް އަމަލުކުރަންޖެހޭނެކަަމަށެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، މި ބިލުގެ ސަބަބުން ބޯހިޔާވަހިކަން ހައްގުވެގެންވާ ފަރާތަކަށް އެ ހައްގު ލިއްބަައިދޭންޖެހޭނެކަމަށާއި މަޖުބޫރުވެގެންދާނެކަމަށެވެ.

