ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ ދައުރުގައި ބޯހިޔާވަހިކަން ހޯދައިދިނުމުގެ މޭސްތިރިޔަކީ ރައީސް މުއިއްޒު: ޝާހިދު

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު): ފޮޓޯ | މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ލިއްބައިދިން ބޯހިޔާވަހިކަމުގެ މޭސްތިރިޔަކީ އޭރު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝާހިދު ވިދާޅުވީ، ބޯހިޔާވަހިކަން އެ ލަފްޒު ދިވެހިންނަށް ދަސްވެގެންދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދައުރުގައިކަމަށެވެ. އަދި އޭރު ވެސް އަސާސީގޮތުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންޖެހިފައި އޮތް މައްސަލައަކީ އެއީކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ އެމަނިކުފާނު ބޯހިޔާވަހިކަމުގެ ވާހަކަތައް ދެއްކެވީ ތެދު ނިޔަތެއްގައިކަން ފެންނަން އެބައޮތް ކަމަށެވެ.

އޭގެ އަހަރުތަކެއް ފަހުން މިއަދު ވެސް ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ބޭނުން ޖެހިފައި އޮތްއިރު މިކަން ފުރިހަމަ ނުވެ އޮތް ސަބަބަކީ ކޮބައިކަން ބަލާލުން މުހިންމުކަމަށް މެމްބަރު ފާހަގަކުރެއްވި އެވެ. ޝާހިދު ވިދާޅުވީ، އެއްވެސް ވަރަކަށް ތެދުވެރިކަމާއި އިހުލާސްތެރިކަމެއް ނެތި ސިޔާސީގޮތުން އެކި އެކި މަންފާތައް ހޯދުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ވެސް ވާހަކަތައް ދެކެވެމުން އައިސްފައިވާ ކަމަށެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދައުރުގައި ހަގީގީ މާނައިގައި ބޯހިޔާވަހިކަމުގެ މަސައްކަތްތައް ފެށިގެންދިޔަ މަންޒަރު އެންމެނަށްވެސް ގާތުން ފެނުނު ކަމަށެވެ. އަދި އެކަމުގެ މޭސްތިރިޔަކީ އޭރު ހައުސިންގް މިނިސްޓަރުގެ މަގާމުގައި ހުންނެވި މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒުކަމަށް ހިއްސާކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ގެނެސްދެއްވުމުގެ ގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރެއިން 25 ފްލޯގެ ހައުސިން އިމާރާތްތައް ބިނާކުރެވިފައިވާކަމަށެވެ. އަދި އެ މަސައްކަތްތަކާއި ހަވާލުވެވަޑައިގެންނެވީ ހައުސިންގް މިނިސްޓަރެއްގެ މަގާމުގައި ހުންނެވިއިރުކަމަށާއި އިހުލާސްތެރިކަމާއިއެކު އެ މަސައްކަތްތައް ނިންމައި ފްލެޓުތަކުގައި ދިރިއުޅެވޭނެ މަގު ފަހިކޮށްދެއްވާފައިވަނީ މިއަދުގެ ރައީސްކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރައީސް މުއިއްޒަށް ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އޮތް ހިސާބާއި، ހައްލަކަށް ވާސިލުވާން ކުރަން ޖެހޭ މަސައްކަތްތައް ގާތުން ފެނިވަޑައިގެންފައި ވާކަމަށެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާފައި ވަނީ ރައްޔިތުންގެ ހައްގުގައިކަމަށް ޝާހިދު ވިދާޅުވި އެވެ.

2018 ވަނަ އަހަރުގެ ތެރޭގައި ރައީސް ޔާމީންގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެން އެންމެ ގިނައިން ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވި އެއް ބޭފުޅަކަށް ރައީސް ޑރ މުއިއްޒަށް ވާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ހައުސިން މިނިސްޓަރެއްގެ ހައިސިއްޔަތުން ބޯހިޔާވަހިކަން ގެނެސްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެއްވުމަށްފަހު މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމުގައި ހުންނަވައިގެންވެސް އެމަނިކުފާނުވަނީ މާލެ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ގާތަަށް ވަޑައިގެން ގެދޮރުގެ އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު ތަސައްވުރެއް އެކުލަވާލައްވާފައި ކަމަށެވެ.

މި ހުރިހާ މިސާލަކުން ވެސް ފެންނަން އޮތީ، ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރުން ބޯހިޔާވަހިކަމަށް ހައްލު ގެންނާނެކަމުގެ ހެއްކެވެ. އަދި މި ސަރުކާރުގެ ގާބިލުކަމާއި މެދު އެއްވެސް ރައްޔިތެއް ޝައްކު ނުކުރާކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: