ރާއްޖޭގެ ޝަރުއީ ނިޒާމަށް ބާރު ފޯރުވައި، ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ ބާރުތަކަށް އަރައިގަނެފައިކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަންގެ މައްސަލައާއި ގުޅޭގޮތުން ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ޝަމްހީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައި އޮތް ބާރަކީ ނަމަކުން ލިބޭއެއްޗެއް ނޫންކަމަށާއި، ލިބިފައި އޮތް ބާރަކީ ގާނޫނު އަސާސީގައި ލިޔެވިފައިވާ އަކުރަކުން ލިބޭ ބާރެއްކަމަށެވެ. އަދި ހަމައެފަދައިން ސުޕްރީމް ކޯޓަށް ވެސް ލިބިފައިވާ ބާރަކީ ގާނޫނުއަސާސީގައި ލިޔެފައިވާ އޮތް އަކުރަކުން ލިބިއްބައިދޭ ބާރެއްކަމަށް ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ، ސުޕްރީމް ކޯޓުގައި 2 ފަންޑިޔާރުން މަދުވުމުން، ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރު މިއަދު ވަނީ ނިގުޅައިގަނެފަކަމަށެވެ. އަދި ބާރު ނިގުޅައިގަތުމަކީ، ހަމައެކަނި ސުޕްރީމް ކޯޓުގައި ހިންގާ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެެވެ.
ޝަމްހީދު ފާހަގަކުރެއްވިގޮތުގައި، ޒުވާން ބޭފުޅަކު ވެރިކަމާއި ހަވާލުވުމުން ދިވެހިރާއްޖެއަށް ހެޔޮ އަދި ޒަމާނީ ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރިކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން އޭނާ ވެސް އެދެނީ ގައުމަށް އެންމެ ރަނގަޅުގޮތްކަމަށްވާއިރު، ގައުމުގެ ހާލަތް ހުރިގޮތުން ވަރަށް ބޮޑަށް މާޔޫސްވާކަމަށް ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމާއި ހަވާލުވިފަހުން އެންމެ ފުރަތަމަ ފެނިގެންދިޔައީ މަޖިލީހުގެ ތަޅުމަކީ އެމަނިކުފާނުގެ ފުރިހަމަ ކޮންޓްރޯލް އޮތް ތަނަކަށް ހެދުމަށް މަސައްކަތް ކުރި މަންޒަރުކަމަށެވެ. އަދި އެ މަސައްކަތް 7 ގަޑިއިރުގެ ތެރޭގައި ނިންމާލެއްވުމަށްފަހު، އެންމެންނަށް ފެނިގެން ދިޔައީ ދިވެހިރާއްޖޭގެ ހުރިހާ މިނިވަން މުއައްސަސާތަކެއްގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް އައްޔަންކުރުމުގެ ބާރު ލިބިގެންދާ ފަރާތަކީ ހަމައެކަނި ރައީސްކަމަށް ހައްދަވާ، ހުރިހާ މިިނިވަން މުއައްސަސާ ރައީސްގެ ކޮންޓްރޯލްގެ ދަށަށް ގެނައި މަންޒަރުކަމަށެވެ.
ޝަމްހީދު ވިދާޅުވީ، މިނިވަން މުއައްސަސާތަށް ރައީސްގެ ބާރުގެ ދަށަށް ގެނައުމަށްފަހު، ދެން ފެށިގެން ދިޔައީ ކޯޓުތައް ރައީސްގެ ބާރުގެ ދަށަށް ގެނައުންކަމަށެވެ. އަދި، ދިވެހިރާއްޖޭގައި ހިންގާ ހުރިހާ މުއައްސަސާތައް ހިންގާ ނިޒާމަކީ، ރައީސްގެ ބާރުގެ ދަށުން ހިންގާ ނިޒާމެއްކަމަށެވެ.

