މާލޭގެ އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގައި ބާރުގެ ބޭނުންކޮށް އެއްވުން ރޫޅާލައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ އޭޕްރިލް މަހުގެ 18 ގައި މާލޭގެ އިމާރާތަކާއި ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓި ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފަ އެވެ. އަދި އޭނާ ވެއްޓުނު މައްސަލައިގައި އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލް ހުރީ ފުލުހުންގެ ބަންދުގަ އެވެ. އެއީ އެރޭ ޔުމްނުއާއި އެކު ހ. ފެންޓެނޯއީގޭގައި އުޅުނީ އޭނާއަށް ވީތީއާއި މައްސަލައިގައި ސުވާލު އުފެދޭ ކަންކަން ހުރުމުންނެވެ.
މައްސަލައިގައި ފުލުހުންގެ ތަހުގީގާއި މެދު ގިނަ ސުވާލުތައް އުފެދޭއިރު، އެރޭގެ އެހެން ވަގުތުތަކުގައި ޔުމްނުއާއި ރައުދު އެއްކޮށް އުޅުނު މީހުންގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ އެވެ. އަދި ރޭ ފުލުހުން ވަނީ 12 ޖަހާކަންހާއިރު ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި ޕެޕޭ ސްޕްރޭ ޖަހާފަ އެވެ. އަދި މުޒާހަރާގައި އިސްކޮށް އުޅޭ ދެ ޒުވާނަކު ހައްޔަރު ކުރި އެވެ.
މުޒާހަރާ ރޭ ރޫޅާލިއިރު، ޒުވާނުންތައް އަޑުއުފުލުމަށް ފަހު ދެން ފެނިގެން ދިޔައީ މަޖީދީ މަގުގެ މެދުގައި ޓީޓީ މޭޒާއި، ކެރަމް ބޯޑުތަްއ ބަހައްޓައި ކުޅެމުން ދިޔަ މަންޒަރެވެ. އަދި ބާރަށް ލަވަ ވެސް ޖަހާފައިވެ އެވެ.
ބާރުގެ ބޭނުން ކުރި ސަބަބެއްކަމަށް ފުލުހުން ބުނީ ގްރޭޑު 10 ގެ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮތް އިރު ދަރިވަރުންނަށް އަޑުގަދަވުމުގެ ސަބަބުން ކިޔެވުމުގައި ދަތިތައް ދިމާވުމެވެ.

