ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފެށި ”އޮޕަރޭޝަން ކުރނގި“ ޕްރޮގްރާމްގައި ކަނޑައެޅި މުއްދަތަށް ޕާމިޓް ސްޓޭޓަސް ނުދީ، ބަޔޯމެޓްރިކް މައުލޫމާތު އަޕްޑޭޓު ނުކުރާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތައް އަންނަ ހަފްތާގައި ސިސްޓަމްގެ ތެރެއިން ބްލޮކް ކުރާނެކަމަށް ހޯމް ލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލު ކުރުމުގެ އަމާޒުގައި ފެށި މި މަސައްކަތުގެ ތެރެއިން، މިހާތަނަށް ލައްކައަކަށް ވުރެ ގިނަ މީހުންގެ މައުލޫމާތު ވަނީ ނަގާފަ އެވެ. އަދި ވަކި ތާރީހެއް ކަނޑައަޅައި އޭގެ ކުރިޔަށް މައުލޫމާތުތައް ދިނުމަށް އަންގާފައި ވެއެވެ. ހޯމް މިނިސްޓްރީން ނިންމާފައި ވަނީ އޭޕްރިލް މަހުގެ ނިޔަލަށް ޕާމިޓް ސްޓޭޓަސްގެ މައުލޫމާތު ނުދީ ހުރި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތެއް އެކްސްޕެޓް ސިސްޓަމުން ބްލޮކް ކުރުމަށެވެ.
މި މަސައްކަތް ކުރިޔަށް ދާ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އިހުސާން ވިދާޅުވީ އެކަށީގެންވާ ސަބަބެއް ނެތި ބަޔޯމެޓްރިކް ޑޭޓާ ނުދީ ހުރި ވަޒީފާ ދޭ ފަރާތްތައް ސިސްޓަމުން ސަސްޕެންޑުކޮށް ހިދުމަތް މެދުކަނޑާލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި ކުރަނގި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 150،000 ބިދޭސީންގެ ފިންގަރ ޕްރިންޓާއި ބަޮޔޯމެޓްރިކް ވަނީ ނަގާފަ އެވެ. އަދި އެ މީހުންގެ ފޭޝަލް ރިކޮގްނިޝަނަށް ބޭނުންވާ ޑޭޓާ ވަނީ އަޕްޑޭޓުކޮށްފަ އެވެ. މިއާއި އެކު ރާއްޖޭގައި މަސައްކަތް ކުރަމުން ގެންދާ ބިދޭސީންގެ މައުލޫމާތުތައް ސިސްޓަމް މެދުވެރިކޮށް ބަލާލެވޭނެކަމަށް އިހުސާން ވިދާޅުވި އެވެ.
އަހަރުތަކެއް ވަންދެން ހައްލު ނުވެ އޮތް މި މައްސަލައާއި ގުޅޭގޮތުން އިހުސާން ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިންނާއި ބެހޭ ގާނޫނުތަކާއި ގަވައިދުތައް އެކުލަވާލާފައި ހުރި ނަމަވެސް އޮތީ ތަންފީޒު ނުވެކަމަށެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިންތިހައަށް ގިނަވެ، ކުންފުނިތަކުން ފީތައް ދެއްކުމަށް ވަރަށް ބޮޑު މަޑުޖެހުމެއް އައިކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ސަރުކާރުބން މިހާރު ކުރަމުން ގެންދާ މަސަައްކަތުގެ ދަށުން، ރާއްޖޭގައި މިއޮތް އިޖްތިމާއީ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަޅުގަނޑުމެން މިދަނީ ބިދޭސީ މަސައްކަތްތެރިން ޤާނޫނާ ޤަވާއިދުގެ އިމުގެ ތެރެއަށް ވެއްދުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިގެން. ކުރަނގި އޮޕަރޭޝަން ނަމުގަ ފެއްޓި މި މި މަސައްކަތުގެ ދަށުން 150،000 ބިދޭސީ މަސައްކަތްތެރިންގެ ފިންގަރޕްރިންޓް އަދި ބަޔޯމެޓްރިކަލީ އެ މީހުންގެ ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް މިވަނީ އަޕްޑޭޓްކޮށްފަ. މި މަސައްކަތް މިހެން ކުރެވުމުން އަޅުގަނޑުމެންނަށް އެބަ އެނގިގެންދޭ ރާއްޖޭގައި މަސައްކަތް ކުރަން މިތިބީ ކޮންކޮން ބައެއްކަން. މީގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި މީހުން ޤަވާއިދާ އެއްގޮތަށް އުޅުމުގެ މަގު މިދަނީ ފަހިކޮށްދެމުން.
ކުރަނގި އޮޕަރޭޝަނުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނުމަމަކާއި ހަމައަށް ދިޔައިރު، ތިން ވަނަ ފިޔަވަހީގައި މައުލޫމާތު ހޯދާފައިވާ ބިދޭސީން ގަވައިދުގެ ތެރެއަށް ފަސޭހަކަމާއި އެކު ގެނެވޭނެ މަގުފަހިވެގެން ދާނެކަމަށް އިހުސާން ވިދާޅުވި އެވެ. އިހުސާން ވިދާޅުވީ ވޯކް ޕާމިޓް ހޯދުމަށާއި، ސައިޓް ރެޖިސްޓްރީ ކުރުމަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ވަރަށް ބޮޑަށް ފަސޭހަވެގެން ވެސް ދާނެކަމަށެވެ.
މީގެއިތުރުން އިހުސާން ވިދާޅުވީ ބިދޭސީންނާއި މެދު އިހުމާލުވާ ކުންފުނިތަކާއި، ހަވާލުވެ ހުރި ފަރާތް ޖުރިމަނާ ކުރުން ވެސް ކަނޑައެޅިފައިވާ ގޮތުގެ މަތީން ކުރިޔަށް ދާނެކަމަށެވެ. އަދި ބިދޭސީންގެ ބަޔޯމެޓްރިކް ހުށަނާޅައި ހުރި ފަރާތްތައް ސިސްޓަމުން ބްލޮކް ކުރާނީ މި ފެށޭ ހަފްތާގައިކަމަށް ވިދާޅުވި އެވެ.
ގަވައިދާ ހިލާފަށް އުޅެމުން ދާ ބިދޭސީން ހިފަހައްޓައި، އެ މީހުން ޑީޕޯޓު ކުރަމުން ގެންދަނީ އިތުރު އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެ މަސައްކަތުގެ ތެރެއިން މިހާތަނަށް 7،000 އެއްހާ ބިދޭސީން ވަނީ ޑީޕޯޓުކޮށްލާފަ އެވެ.
ސަރުކާރުގެ ޢަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާއި ހަމައަށް ދާއިރު މުޅި މި މައްސަލައަށް ހައްލު ގެނައުމެވެ.

