މާލޭގައި ޒުވާނުންތަކެއް އެއްވެ ކުރިއަށް ގެންދިޔަ މުޒާހަރާއެއް ފުލުހުންގެ މުއައްސަސާއިން ރޫޅާލުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުށްވެރިކުރައްވައިފިއެވެ.
ހ ފެންޓެނޯއީ ގެއިން ޖެހިގެން ހުރި ގުދަނުގެ ފުރާޅުމައްޗަށް ޒުވާން އަންހެނަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ޒުވާނުންތަކެއް ދަނީ މާލެ ސަރަހައްދުގައި ސަރުކާރުން ޖަވާބުދާރީވުމަށް ގޮވާލައި މަގުމަތީގެ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. މި ހަރަކާތްތަކުގައި މީގެ ކުރިން ސިޔާސީ ޕާޓިތަކަށް ނިސްބަތްވާކަމަށް ފެނިގެންދާ ބައެއް ފަރާތްތަކާއި މިހާރުވެސް ސިޔާސީ ޕާޓީތަކުގެ ޕޯޑިއަމްތަކުން ފެނިގެންދާ ބައެއް ފަރާތްތައްވެސް ޝާމިލުވެއެވެ. ނަމަވެސް މި ހަރަކާތްތަކަކީ އާންމުންގެ ތެރޭގައި އޮތް ކަންބޮޑުވުންތައް ހިއްސާކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކުގެ ނުފޫޒުން އެއްކިބާވެ ކުރިއަށް ގެންދާ މަސައްކަތްތަކެއްކަން ބައިވެރިންގެ ތެރެއިން އިސްކޮށް އުޅުއްވާ ފަރާތްތަކުން އާންމުކޮށްފައިވެއެވެ.
މޭ އެއް ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އެ ފަރާތްތަކުންވަނީ އަނެއްކާވެސް މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ފުލުހުންގެ މުއައްސަސާއިންވަނީ އަޑުގަދަކުރާ ސާމާނުވެސް ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ސަބަބުން އާންމުންނަށް ދަތިތަކެއް ކުރިމަތިވެގެންދާކަން ހިއްސާކޮށް ރޫޅާލާފައެވެ. އަދި އަމުރަށް ނުކިޔަމަންތެރިވުން ފަދަ މައްސަލަތަކުގައި ބައިވެރިންތަކެއް އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މިކަމަށް އަލިއަޅުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސާލިހު ވިދާޅުވީ، މުޅި ގައުމު ހިލުވާލު ހާދިސާއަކާއި ގުޅިގެން ޒުވާނުންތަކެއް އެކަމުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ހިންގި ސުލްހަވެރި އިހުތިޖާޖެއް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ފުލުހުންގެ މުއައްސަސާއިން ރުޅާލާފައިވުން ކުށްވެރިކުރައްވާކަމަށެވެ. އަދި ވަކި ސިޔާސީ ޕާޓީއެއް ނުވަތަ ޖަމިއްޔާއަކަށް ނިސްބަތްނުވާ ޒުވާނުންތަކެއްގެ ސުލްހަވެރި އެއްވުމެއް ރުޅާލުމަށްޓަކައި ހަރުކަށި ކަމާއިއެކު އަމަލުކޮށްފައިވުމުން ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަން ފެނިގެންދާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިނިވަންކަމާއިއެކު ސުލްހަވެރި އެއްވުންތައް ބޭއްވުމާއި ގާނޫނުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމަވުމުގެ އިތުރުން އިންސާފު ލިބިގަތުމުގެ ހައްގަކީ ޑިމޮކްރެސީގެ އަސާސްތަކެއްކަމަށެވެ. އަދި އިންސާފު ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ސަރުކާރު ޖަވާބުދާރީކުރުމަށްޓަކައި ޒުވާނުން ކުރަމުންދާ މަސައްކަތްތަކުގައި އެމަނިކުފާނު އެވެރިންނާއިއެކު ހުންނެވިކަމަށްވެސް ހިއްސާކުރެއްވިއެވެ.

