ބާރުގެ ބޭނުންކޮށްގެން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކޮށް ނުލެވޭނެކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް އެފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒް ވިދާޅުވީ، ސުލްޙަވެރިކަމާއެކު ޒުވާނުން ކުރަމުން ދިޔަ އިހުތިޖާޖަށް ހުރަސްއެޅީ ސަރުކާރުން ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މީގެ އިތުރުން، ފުލުހުން ބާރުގެ ބޭނުންކުރި ގޮތުން ދޭހަވެގެންދަނީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ އަނިޔާވެރިކަންކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. އަދި މި ވެރިކަމަކީ ޑިމޮކްރަސީގެ ހަމަތަކާއި، ޤާނޫނުއަސާސީން ލިއްބައިދޭ ޙައްޤުތައްވެސް ޤަބޫލު ނުކުރާ ވެރިކަމެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވަނީ މަސައްކަތްތެރިންގެ ޙައްޤުތަކަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާއާއި، ޒުވާނުން ކުރިއަށް ގެންދިޔަ ޙަރަކާތަށްވެސް ފުލުހުން ހުރަސް އެޅިކަން ފާހަގަ ކުރައްވާފައެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ޙައްޤުތަކަށް ސަރުކާރުން ބޯލަނބަންޖެހޭނެ ކަމަށާއި، އަނިޔާވެރިކަން އިސްނުކޮށް، ޑިމޮކްރަސީގެ ތެރެއިން ހިޔާލު ފާޅު ކުރުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.
ހަމައެއާއެކު، ބާރުގެ ބޭނުންކޮށްގެން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކޮށް ނުލެވޭނެކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
އަދި މިކަންކަން މިހާރު ހިނގަމުންދާ ސަރުކާރަށްވެސް މިހާރު އެނގެންވެއްޖެކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، އެމްޑީޕީން މިއަދުގެ ޒުވާނުންނާއެކު ދެމިއޮތްކަމަށެވެ.

