ހައްގުތައް ހޯދަން ނުކުމެ އެހެން މީހުންގެ ހައްގުތައް ނަގާލުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އެކްސް މެދުވެރިކޮށް އާންމުކުރި މެސެޖެއްގައި ފަލާހު ވިދާޅުވީ، ހައްގުތައް ހޯދަން ކަމަށް ބުނެ ނުކުންނަ ބަޔަކު މީހުން ބޮޑެތި ދޮގު ވާހަކަތައް އެހެން މީހުންގެ ނަމުގައި ފެތުރުމަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ފަލާހު މިހެން ވިދާޅުވީ ޒުވާނުންގެ މުޒާހަރާގައި އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފުވެ ފުލުހުންގެ މަސައްކަތްތަކަށް ހުރަސްއެޅި ދެ މީހަކު ހައްޔަރުކުރުމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒު އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުން އެކަމާއި އުފާ ފާޅުކުރިކަމަށް ބުނެ ދެކެވޭ ވާހަކައާއި ގުޅިގެންނެވެ.
މެމްބަރު ވިދާޅުވީ، އެފަދަ އަމަލުތަކަކީ ކަމާއި ގުޅުމެއް ނެތް އެހެން މީހުންގެ ހައްގުތައް ނަގާލުމަށްޓަކައި ޑިމޮކްރަސީގެ ނަމުގައި އަބަދުވެސް ގައުމުގެ އަދުއްވުން ހިންގާ ޖަރީމާގެ ވައްތަރެއްކަމަށެވެ. ފަލާހު ވިދާޅުވީ ޒުވާނަކު ފުރާޅެއްގެ މައްޗަށް ވެއްޓުނު ހާދިސާގެ މައްސަލަ ބެލުމުގައި ފުލުުހުންގެ އިހުމާލެއް އޮތްކަމަށް ބުނެ ޒުވާނުންތަކެއް ކުރަންފެށި މުޒާހަރާއާއިއެކު ސަރުކާރުން ވަނީ އެ މައްސަލަ އެކަށީގެންވާ ހަރުދަނާ ގޮތެއްގެ މަތިން ބަލައި އިންސާފު ގާއިމުކުރެވޭނެ ހުރިހާ މަގެއް ހޯދާފައި ކަމަށެވެ.
ނަމަވެސް ޒިންމާދާރުކަމެއް ނެތް އިދިކޮޅު ސިޔާސީ ފަރާތްތަކެއް އަޑީގައި ތިބެގެން ހިންގާ ޕްރޮޕެގެންޑާތަކުގެ އަވާގައި ޖެހި ފާއިތުވި ރޭތަކުގައި މުޒާހަރާ ކުރަމުންދިޔައީ އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފަށްކަމަށް ހިއްސާކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، އެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާއި ހިލާފު އަމަލުތައް ހިމަނައިގެންކަމަށެވެ.
ފަލާހު ވިދާޅުވީ، މަޖީދީ މަގުގައި އާންމު ދަތުރުފަތުރަށް ހުރަސްއަލައި ވިޔަފާރިތަކަށް ގެއްލުންދީ އާންމު ދިރިއުޅުމާއި ކިޔަވާކުދިންގެ ހައްގުތަަކަށްވެސް ކޮންމެ ރެޔަކު އަރައިގަންނަމުންދިޔަކަމަށެވެ. އެހެންކަމުން ހައްގުތަކެއް ހޯދަން ނުކުންނަ ނަމަ އެހެން މީހުންގެ ހައްގުތަކެއް ވާނެކަން ގަބޫލުކޮށް ތިމާގެ ހައްގުތައް ނިމޭ ހިސާބުން އަނެކާގެ ހައްގުތައް ފެށޭނެކަންވެސް ގަބޫލުކުރަންވާނެކަމަށާއި ރާއްޖޭގެ ފުލުހުންނާއި ސަލާމަތީ ބާރުތަކުން ގާނޫނީވެރިކަން ދިފާއުކޮށް ގައުމުގެ ދާހިލީ ހަމަޖެހުން އަބަދުވެސް ގާއިމުކުރާނެކަމަށް ފާހަގަކުރެއްވިއެވެ.

