ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސަރަހައްދުތައް އިތުރުކޮށް، ގަވައިދަށް ބަދަލު ގެނެސް ގެޒެޓުކޮށްފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ގެޒެޓު ކުރި އިއުލާނުގައި ވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން މިހާރު އެއްވެވެނީ އެންމެ ސަރަހައްދަކަށް ކަމަށެވެ.
މާލޭގައި ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމަށް، އެ ގާނޫނުގެ މާއްދާގެ ދަށުން ފުލުހުންގެ ހިދުމަތުން ދޭ ހުއްދައާއި އެކު ފިޔަވައި މަލޭގައި އެއްވެވޭނެކަމަށް 04 ތަނެއް މިހާރު ވަނީ ކަނޑައަޅާފަ އެވެ.
އެއީ ހެންވޭރު ކާނިވާ ސަރަހައްދާއި، ރަސްފަންނު ސަރަހައްދުގެ އިތުރުން، އިންޑަސްޓްރިއަލް ޒޯންއާއި، އުސްފަސްގަނޑު ސަރަހައްދެވެ.
މާލޭގެ އިމާރާތެއްގެ މަތީން ޒުވާން އަންހެނަކު ވެއްޓި ލިބުނު އަނިޔާތަކުގެ މައްސަލައިގެ ތަހުގީގާއި މެދު ސުވާލު އުފެދޭތީ ޒުވާނުންތައް ނިކުމެ ދަނީ އިހުތިޖާޖު ކުރަމުންނެވެ. ސިލްސިލާކޮށް ކުރިޔަށް ގެންދާ އެ މުޒާހަރާތައް ފަށަނީ ކޮންމެ ރެއެއްގެ 20:00 ގައި ހެންވޭރު ޕޮލިސް ސަރަހައްދުނެވެ.
އެއްވެ އުޅެވޭ ސަރަހައްދުތަކަށް ބަދަލު ގެނެސް އިތުރު ކުރިއިރު، ރޭ ޒުވާނުންގެ މުޒާހަރާގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށް ބަންދަށް ވަނީ 03 ދުވަސް ޖަހާފަ އެވެ.

