ރާއްޖޭގައި ޑިކްޓޭޓާޝިޕެއް އުފެދި، ރަސްކަމެއް ގާއިމުވެގެން ދިއުމުގެ ޖާގައެއް ދުވަހަކު ވެސް އެމްޑީޕީން ނުދޭނެކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މިރޭގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން ކޮންމެ މީހަކާއި މެދު ވެސް އަމަލު ކުރަން ޖެހޭނީ ހަމަހަމަކަމާއި އެކު ކަމަށެވެ. އެއްވެސް ހަމައެއް އުސޫލެއް ނެތި، ގައުމު ހިންގަމުން ދާތަން ބަލަން ޒުވާނުން ނުތިބޭނެކަން ސާބިތުކޮށްދީ ހައްގުތަކަށް ވަކާލާތު ކުރާ މަންޒަރު ފެނުމަކީ ލިބޭ ބޮޑު އުފަލެއްކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި މިއަދު މުޒާހަރާގައި އެއްވެ ތިބި ބައެއް ޒުވާނުންނަކީ، ފެހި ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ފެށިއިރު އުފަންވެސް ނުވާ ކުދިންނެވެ. އެ ޒުވާނުން އެންމެން އަތުކުރި އޮޅާލައި އެއްކޮށް ނިކުތުމުން އެއްބާރުލުން ނުދޭންވީ އެއްވެސް ސަބަބެއް ނެތްކަމަށް ޝާހިދު ވިދާޅުވި އެވެ.
އެ ޒުވާނުން ގާނޫނުއަސާސީގެ ދިފާއުގައި ކުރަން ޖެހުނު ކޮންމެކަމެއް ކުރުމަށް ތައްޔާރަށްކަން.. ކޮންމެކަމެއްގެ ހައްގުގައި ނިކުންނާނެކަން.. އެއީ ލިބޭ ފަހުރެއް.. އުފަލެއް..
ޝާހިދު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެއްވެސް ބައެއްގެ އަތުން އަތުލައިނުގަނެވޭނެ ކަމަށެވެ.
އެމްޑީޕީގެ ވެރިކަމުގައި އޭރުގެ އިދިކޮޅުން ކުރި މުޒާހަރާތައް ހަނދާނަށް ގެންނަވައި ޝާހިދު ވިދާޅުވީ އޭރު ޕީޕީއެމް/ޕީއެންސީއާއި އެކު ރައީސް މުއިއްޒު ކޮންމެ ރެއަކު ވެސް އޭނާ ދިރިއުޅޭ ގެކައިރިއަށް އެއްވެ އަޑުއުލައި މުޒާހަރާ ކުރި ކަމަށެވެ. އަދި މި ސަރުކާރުގެ ވަޒީރުންގައި ތިއްބެވި އެތައް ބޭފުޅުންނެއް ނިކުމެ، މުޒާހަރާ ކުރިއިރު އެ ގެ ވެސް ހިމެނޭ ގޮތަށް އެ ސަރަހައްދުގައި ވެސް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ކިޔަވާ ކުދިން އުޅެމުންދާނެކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެ ގެ ސަރަހައްދުގައި އަޑުއުފުލަމުން ދިޔައިރު، އެގެއާއި ޖެހިގެން ދެން ހުރީ މިސްކިތްކަމަށެވެ. އަދި އެ ސަރަހައްދުގައި ހޮސްޕިޓަލެއް ވެސް ހުރިއިރު، އެ ދުވަހު މިކަންކަމާއި މެދު ވިސްނާފައި ނުވަނީ ކީއްވެގެންތޯ ޝާހިދު ސުވާލު ކުރެއްވި އެވެ.
ރާއްޖެއަށް ޑިމޮކްރަސީއެއް ގެނެސް، ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމަށް އެންމެ ބޮޑު މަސައްކަތެއްކޮށް އެކަން ކާމިޔާބު ކުރީ ޝާހިދު ވިދާޅުވި ގޮތުގައި އެމްޑީޕީ އެވެ. އެހެންކަމުން މީގެ އެތައް އަހަރުތަކެއް ކުރިން ރާއްޖެ އޮތް ހާލަތަށް ގޮސް ވެރިންނަށް ހިތު ހުރި ގޮތަކަށް ގައުމު ހިންގުމުގެ އެއްވެސް ޖާގައެއް ނުދޭނެކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މި ރާއްޖޭގައި ޑިކްޓޭޓާޝިޕެއް ގާއިމު ކުރުމަށާއި، ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކަށް ނިގުޅައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި ދެކޮޅަށް އެ ޕާޓީން ނިކުންނާނެ ކަމަށެވެ.

