ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނާއި ހިލާފު އެއްވުންތައް ރޫޅާލައި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން: ފުލުހުން

ގާނޫނާއި ހިލާފު އެއްވުންތައް ރޫޅާލައި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ގާނޫނީ ބާރުގެ ބޭނުންކޮށް، އެއްވުން އިންތިޒާމުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފި އެވެ.

މާލޭގެ އިމާރާތެއްގެ މަތީން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އޭނާއަށް އިންސާފު ހޯދައިދޭން ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތައް ދަނީ ކުރަމުންނެވެ. މި މައްސަލައިގައި ފުލުހުން މައުލޫމާތު ހާމަކުރުމުގައި ތަފާތު ކުރުންތައް ގެންގުޅޭތީއާއި ސުވާލު އުފެދޭ ކަންކަން ހުރުމުން މުޒާހަރާގެ ބައިވެރިން ވަނީ އިންސާފުވެރި ތަހުގީގަކަށް ގޮވާލާފަ އެވެ.

މުޒާހަރާތަކަށް ހުއްޓުމެއް ނެތި ކުރިޔަށް ދާއިރު، ރޭގެ މުޒާހަރާގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. އަދި އެ މައްސަލަ ވެސް ވަނީ ގޯސްވެފަ އެވެ.

ބަޔާނެއް އާންމުކޮށް ފުލުހުން ބުނީ ގާނޫނުގައި ބުނާ ގޮތުގެ މަތީން ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ. އަދި އަޑުއުފުލައި، ހައްގުތަކަށް ވަކާލާތު ކުރުމަށް ބާއްވާ އެފަދަ އެއްވުންތަކުގައި އެއްވެސް ތަފާތުކަމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަކަމާއި އެކު ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފަ އެވެ.

ފުލުހުން ބުނެފައި ވަނީ ދުރާލައި ފުލުހުންގެ ހުއްދަ ލިއުމުން ނުހޯދައި، ސުލްހަވެރިކަމާއި އެކު މާލޭގައި އެއްވުން ނުވަތަ ހިނގާލުމެއް ބޭއްވޭނީ ހޯމް ލޭންޑް މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަނި ކަމަށެވެ. އަދި އުޅަނދު ބުރުތައް ބޭއްވުމުގައި ވެސް އަމަލު ކުރަން ޖެހޭނެ ގޮތަކީ އެއީކަމަށް ބުންޏެވެ.

މާލޭގައި ބޮޑެތި އެއްވުންތައް ބޭއްވޭނީ ކާނިވާގައި އެކަނިކަމަށް ބުނާ ގަވައިދަށް ބަދަލު ގެނެސް، ހޯމް ލޭންޑް މިނިސްޓްރީން ވަނީ ލިސްޓުގައި އިތުރު ތިންތަނެއް ހިމަނާފަ އެވެ. އެއީ ކާނިވާ ސަރަހައްދުގެ އިތުރުން، ރަސްފަންނާއި، މާލޭ އިންޑަސްޓްރިއަލް ޒޯންގެ އިތުރުން އުސްފަސްގަނޑު އެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ، ރައްޔިތުންގެ އަސާސީ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވުންތަކަށް އެ މުވައްސަސާއިން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި އެފަަ ގޮތަކަށް ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ގާނޫނީ ބާރުގެ ބޭނުންކޮށް، އެއްވުން އިންތިޒާމު ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވެސް ބުނެފައި ވެއެވެ. ފުލުހުން ބުނީ އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޅަމުން ގެންދާނެ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ބާއްވާ ސުލްހަވެރި އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފުލުހުން ފޯރުކޮށްދޭނެ ކަމަށެވެ. އެއާއި އެކު އެފަދަ އެއްވުންތައް ބާއްވާ ސަރަހައްދުތަކުގެ މަގުތަކާއި އެއްވުންތައް ނުވަތަ ހިނގާލުމެއް ކުރިޔަށް ގެންދިއުމުގައި ބޭނުންވާނެ ސަލާމަތީ ކަންކަމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

ރޭ ކުރިޔަށް ގެންދިޔަ އެއްވުން ބާރުގެ ބޭނުންކޮށް، ޕެޕާރ ސްޕްރޭ ޖަހައި ރޫރާލި އިރު، ދެ ޒުވާނަކު ހައްޔަރު ކުރި އެވެ. އެ ދެ ޒުވާނުން ކޯޓަށް ހާޒިރުކޮށް ފުލުހުން ވަނީ ބަންދަށް ތިން ދުވަސް ޖަހާފަ އެވެ. އޭގެ ފަހުން މި އެއްވެ އުޅެވޭ ތަންތަނާއި ގުޅޭގޮތުން ލިއުމެއް ގެޒެޓު ކުރިއިރު މިރޭގެ އެއްވުން ކުރިޔަށް ގެންގޮސްފައި ވަނީ ކާނިވާގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: