ބޭކާރަށް މީހަކު މަގާމަކަށް އައްޔަނުކޮށްފައިނުވާނެކަމަށާއި އެންމެ މަތީ މަގާމުތަކުން ފެށިގެން އެންމެ އާދައިގެ މަގާމުތަކާއި ޖެހެންދެން މީހުން އައްޔަނުކުރައްވާފައިވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގުައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދުވަސްވަރާއި އެކި އެހެން ދަނޑިވަޅުތަކުގައިވެސް ވައުދުތަކެއް ވެވަޑައިގެންފައިވާނެކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުންދަނީ އެ ވައުދުތައް ފުއްދުމުގެ ގޮތުންކަމަށް ހިއްސާކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ޕޯޑިއަމްއެއްގެ ގާތުގައި ހުއްޓިވަޑައިގެން ވާހަކަތަކެއް ދައްކަވަނީ ނުވަތަ ވައުދުތަކެއް ވެވަޑައިގަންނަވަނީ އެކަންކަން ފުއްދަވައިދެއްވުމުގެ ނިޔަތުގައިކަމަށެވެ. އެހެންކަމުން މިދާއި ހިސާބަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ލިސްޓުކުރެވިފައިވާކަމަށް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ބައެއް ވާހަކަތަކާއި ވެވަޑައިގެންފައިވާ ވައުދުތައްވަނީ ފޮތްތަކުގެ ގޮތުގައި ޗާޕުކުރެވިފައިކަމަށެވެ. އެހެންކަމުން ވެވަޑައިގެންފައިވާ ވައުދުތައް ހަނދާން ނެތިގެން ނުދާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މެނިފެސްޓޯގެ ތެރޭގައި 289 ވައުދެއް ވެވަޑައިގެންފައިވާނެކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު 1051 ވައުދެއް ވެވަޑައިގެންނެވިއިރު ކުރައްވާފައިވާ ދަތުރުފުޅުތަކުގެ ތެރޭގައި 484 ވައުދާއި އިވެންޓުތަކުގައި 305 ވައުދެއް ވެވަޑައިގެންފައިވާނެކަމަށް މައުލޫމާތު ދެއްވިއެވެ.
ރައީސް ވިދާޅުވީ، މިހާތަނަށް ޖުމުލަ 2129 ވައުދެއް ވެވަޑައިގެންފައިވާނެކަމަށެވެ. އަދި މި ވައުދުތަކަކީ ރައީސް އޮފީހުގައި ހާއްސަ އުސޫލެއްގެ މަތިން ލިސްޓުކުރެވިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބަލަމުންދާ ވައުދުތަކެއް ކަމަށާއި ކޮންމެ ވައުދަކާއި ގުޅޭގޮތުން މުޅި ސަރުކާރުގެ ނިޒާމުގެ ތެރޭގައި މައުލޫމާތު އަދާއި ހަމަކުރުމާއި އެކަމަށް ބޭނުންވާ މަގުތައް ފަހިކޮށްދިނުމުގެ އިތުރުން ހާސިލުވަމުންދާ މިންވަރުވެސް ބަލަމުންދާ ކަންކަން ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ ހުރިހާ މަސައްކަތްތަކެއް ބިނާވެފައިވަނީ އެ ވައުދުތައް ފުއްދުމަށާއި ނަތީޖާތަކެއް ނެރުމަށްކަމަށާއި މި ސަރުކާރަކީ ނަތީޖާ ނެރުމުގެ މަސައްކަތްތަކަށް އެކަނި ފޯކަސް ކުރަމުންދާ ސަރުކާރެއްކަން އަބަދުވެސް ހިއްސާކުރައްވަމުން އައިސްފައިވާނެކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ ހުރިހާވެސް ޝައުގުވެރިކަމަކީ ނަތީޖާތަކެއް ނެރުންކަމަށާއި މުޅި ސަރުކާރުވެސް މަސައްކަތްކުރަމުންދަނީ ވެވަޑައިގެންފައިވާ 2129 ވައުދު ފުއްދުމަށްކަމަށެވެ.
ރައީސް ވިދާޅުވީ، މުޅި ސަރުކާރުގެ ކޮންމެ މީހެއްގެ ޒިންމާއަކީވެސް އެއީކަމަށާއި ކޮންމެ މަގާމެއްގައި ހުރި މީހެއް ނަމަވެސް އެމީހަކު އައްޔަނުކޮށްފައިވާނީ އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށެވެ. އަދި ބޭކާރުކޮށް އައްޔަނުކުރި މީހަކު ނުހުންނާނެކަމަށާއި މިނިސްޓަރުންގެ މަގާމުތަކުން ފެށިގެން އެންމެ އާދައިގެ މަގާމުތަކަށްވެސް މީހަކު އައްޔަނުކޮށްފައިވާނަމަ އެކަމުގެ މަގުސަދަކީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުންކަމަށެވެ.

