މައިގަނޑު ސިޔާސަތަކީ ފްލެޓު ލިބުނު މީހުންނަށް ލިބުނު ތަނަކުން ދޫކުރުންކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރަމުން ރައީސް މިހެން ވިދާޅުވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ސަރުކާރުން ވަނީ ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓް ރިވިއުކޮށްފައެވެ.
އައު ފްލެޓް ލިސްޓް ސަރުކާރުން ހާމަކުރީ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ޝަކުވާ ހުށައެޅުމަށް ފުރުސަތު ހުޅުވާލީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ މުއްދަތު ކުރިއަށް އޮތް އޭޕްރީލް 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ބޯހިޔާވަހިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ދައުރު ނިމުމުގެ ކުރިން އެންމެ ގިނަ ހައުސިން މަޝްރޫއުތައް ހިންގައި މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ހިނގަމުން މިދާ 2025 ވެގެން ދާނީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެންމެ ގިނަ ހައުސިންއާއި ގުޅުން ހުރި ޕްރޮޖެކްޓުތައް ހިނގާނެ އަހަރަށެވެ.
ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓުތަކުގައި ބޮޑެތި އޮޅުވާލުންތަކެއްވާކަމަށް ތުހުމަތު ކުރެވޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަނުނުން އައީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ފްލެޓު ލިބުނުކަމުގެ ލިސްޓުގައި ނަން ހިމެނޭ ގިނަ މީހުން ޝަރުތު ހަމަނުވާއިރު ދޮގު ލިޔެކިއުންތައް ނުވަތަ ސައްހަ ނޫން ލިޔެކިއުންތައް އުފައްދައިގެން ހުށަހެޅިކަމުގެ ތުހުމަތު ކުރެވެއެވެ.
މި މައްސަލައިގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ފްލެޓު ހަވާލު ކުރައްވާނީ އެންމެ އިންސާފުވެރި ގޮތަށް ބަލައިކަމަށެވެ. އަދި ކުރީ ސަރުކާރުން ގެޒެޓު ކުރި ލިސްޓާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ އިންސާފުވެރިކޮށް އޮންނަ އުސޫލުގެ ތެރެއިން ފްލެޓު ލިބުނު އެއްވެސް ފަރާތެއްގެ ނަން ލިސްޓު އުނި ނުވާނެކަމަށެވެ.

