ބިން ހިއްކުމުގެ މަޝްރޫއޫތައް ކުރިޔަށް ގެންދިއުމުގެ ބަދަލެއްގެ ގޮތުން، އެ ކުންފުނިތަކަށް ދިގު މުއްދަތަކަށް ބިންތައް ދޫކުރުމާއި މި ސަރުކާރުން ދެކޮޅުކަމަށާއި އެގޮތަށް ދޫކޮށްފައި ހުރި ހުރިހާ ބިންތައް ސަރުކާރަށް ނަގައި އެއްބަސްވުންތައް ބާތިލުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެކި ބޭނުންތަކަށް ބިން ހިއްކުމުގެ ބަދަލުގައި ބޭރު މީހުންނަށް ކުރީ ސަރުކާރުން ދޫކޮށްފައިވާ ހުރިހާ ބިމެއް ސަރުކާރަށް ނަގައި އެއްބަސްވުންތައް ބާތިލުކޮށްފައިވާކަމަށެވެ. ކުންފުންޏަކުން ރާއްޖޭގެ ބިން ހިއްކުމުން އޭގެ ބަދަލުގައި ދީފައި އޮތް އެއްވެސް ބިމެއް މިހާރު ނޯންނާނެކަމަށް ހާމަކުރައްވައި ރައީސް ވިދާޅުވީ، އެ ބިންތައް ސަރުކާރުން އަތުލާފައިވާކަމަށެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލު ކުރެވުނީ އެ އުސޫލުގެ ތެރެއިން ނަމަވެސް، އެ އެއްބަސްވުން ވެސް ބާތިލުކޮށްފައިވާކަން ރައީސް ހާމަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ބިން ހިއްކުމަށްޓަކައި އެ ކުންފުންޏަކުން ނުވަތަ އެ ބަޔަކު ފައިސާ ހަރަދު ކުރުމުން ރާއްޖެއިން ބަދަލެއްގެ ގޮތުގައި ބޮޑެތި ބިންތައް ދިގު މުއްދަތަކަށް ދޫކުރުމުގެ ސިޔާސަތު ގަބޫލު ނުކުރައްވާކަމަށެވެ. އަދި މި ސަރުކާރުން އެފަދަ ގޮތަކަށް އެއްބަސްވެގެން މަޝްރޫއުތައް ކުރިޔަށް ނުގެންދާނެކަމުގައި ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ގިރާވަރުފަޅުގެ ހިއްކުމުގެ މަޝްރޫއު ލަސްވެ، ދަތިތައް ދިމާވެފައިވާ އެއް ސަބަބަކީ އެއީކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ ބަދަލުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތިލަފުށިން ބިންތަކެއް ދިނުމަށް ނިންމާފައިވާއިރު އެ އެއްބަސްވުން ވެސް ނިމުމަކަށް ގެނެސްފައިވާކަން ފާހަގަކުރެއްވި އެވެ.
ރަސްމާލެ މަޝްރޫއުއަށް އެކި ކޮންޓްރެކްޓަރުން ހޯދައި މަޝްރޫއު ނިންމާލުމަށް މަސައްކަތް ކުރައްވާކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

